ރައީސް އޮފީސް

18 އަހަރު ނުފުރެނީސް ކައިވެނި ނުކުރެވޭގޮތަށް ޤާނޫނު ބަދަލުކުރަނީ

ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި ކުރުން މަނާކޮށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީ ކަމަށެވެ.

"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް، ދިވެހިރާއްޖޭގައި ތަންފީޛުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ޙައްޤުތައް މި ބިލުގައި ހިމަނާފައިވާނެ." ރައީސް އޮފީހުން ވިދާޅުވިއެވެ.

އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، އަޅާލުމާއި ޙިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ޙައްޤާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ޙައްޤާއި، ދުޅަހެޔޮ ޞިއްޙަތާއި ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމުގެ ޙައްޤު ފަދަ ޙައްޤުތައް ހިމެނިފައިވެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ޤާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަޞައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައަޅާފައިވެއެވެ.

"މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދަޢުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވާނެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވާނެ." ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ބިލުގެ ދަށުން ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައާއި، މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި، އުފައްދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފެއްދުމަށް ހިމަނާފައިވާނެ ކަމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން މިނިސްޓަރުގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުފައްދައި، އެ ސަރވިސްގެ ޒިންމާތައް މި ބިލުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.

"މި ބިލުގެ ދަށުން ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޯލްޓަރނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ ޢަދަދަކަށް ޤާއިމްކުރަންވާނެކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅާފައިވާނެ." ރައީސް އޮފީހުން ވިދާޅުވިއެވެ.

އިތުރަށް ރައީސް އޮފީހުން ވިދާޅުވީ، މީގެއިތުރުންވެސް ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމަށްޓަކައި، މިނިވަން މުސްތަޤިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް ޢައްޔަންކުރަންވާނެ ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވާނެ ކަމަށާއި، ޗިލްރަންސް އޮމްބަޑްސްމަންގެ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގައި ޤާއިމުކުރެވޭ އިދާރާއެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް