ވީނުވީއެއް ނޭންގި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ 40 ވަނަ ބައްދަލުވުމުގައި މިއަދު ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.
މި ސަރުކާރުން އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވައި، އަދި އިންސާނީ ހައްޤުތައް ދިފާއު ކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖެގެ މިހާރުގެ ސަރުކާރުން އިންސާނީ ހައްޤުތައް ކަށަވަރުކޮށްދީ އިންސާނީ ކަރާމާތް ހިފެހެއްޓުމަށް ޤާނޫނުތަކަށް އިސްލަހުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމުގައެވެ.
މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ އެކޮމިޝަނަކީ ގާނޫނީ ބާރު ލިބިދޭ ކޮމިޝަނެއްކަމަށާއި އެކޮމިޝަނުން މަރުތަކަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.
ނިމިދިޔަ ސަރުކާރަކީ އިންސާނީ ހައްޤުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް އެތައް ހުރަސްތަކެއް ކުރިމަތި ކުރުވި ސަރުކާރެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން އަލުން ރާއްޖެއަށް ޑިމޮކްރަސީ އިޔާދަކޮށްފައިވާ ކަމުގައެވެ.