އަލްހާންއާއި ދެމެދު ހިނގި ފައިސާ މުޢާމަލާތުގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެމައްސަލަ ނުބަލަން ފުލުހުން ކުރިން ނިންމިކަމަށް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.
ޤާޟީ ޙައިލަމް މިހެން ވިދާޅުވެފައި މިވަނީ އޭނާގެ ފަރާތުން މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
އެގޮތުން މިބަޔާނުގައި ޙައިލަމް ވިދާޅުވީ، 19 މެއި 2019 ވަނަ ދުވަހު ހިނގާދިޔަ ޓްރާންސެކްޝަނާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު އޭނާއާއި ބައްދަލުކޮށް އެފަދަ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާކަމަށް މަޢުލޫމާތުދެއްވައި، އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ސުވާލުކޮށްފައިވާޚަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތުގެ ތަފުޞީލު އެސަރވިސްއަށް ކިޔައިދިނުމުން އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެމައްސަލަ ނުބަލަން ފުލުހުން އޭރު ނިންމިކަމަށް ބަޔާނުގައިވެއެވެ.
"ސަރުކާރުގެ ވަރަށް އިސްމަޤާމުތަކުގައި ތިބި ފަރާތްތަކަކުން އަޅުގަނޑަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވޭ. އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އިސްވެ ބަޔާންކުރެވުނު 19 މެއި 2019 ވަނަ ދުވަހު އަޅުގަނޑާއި އަލްހާން ފަހުމީއާ ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތްކަމަށާއި ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބެލޭނެކަމުގެ އިންޒާރުވެސް ދީފައިވޭ. އަދި ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދިން." ޙައިލަމްގެ ބަޔާނުގައިވެއެވެ.
އަދި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ވެސް ކުރީގެ މަޖިލިސް މެންބަރުންނާއި އަދި މިހާރުގެ މަޖިލިސް މެންބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ޙައްޤުވާ ފަރާތްތައް ވެސް އެބަތިކަމަށާއި ސަރުކާރުގެ މަޤާމެއްގައިހުރި ހަމަ ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓް ބައްލަވައިފިނަމަ، ހަމަ ކޮންމެ މީހެއްގެ އެކައުންޓްގައި ވެސް އޭނާގެ ގާތް މީހުން އެކި ކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުޢާމަލާތު ފެންނަން ހުންނާނެކަމަށް ޙައިލަމް ވިދާޅުވިއިރު، ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާދުވަންވާނީ ވެސް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުއައްސަސާގެ ޙުރުމަތުން ކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާލައްވާފައިނޫންތޯކަމާމެދުވެސް އޭނާވަނީ ސުވާލު އުފައްދާފައެވެ.