އިންފްލުއެންޒާ ފެތުރެނީ، ޑެންގީ އިތުރު ވުމުގެ ފުރުޞަތުވެސް ބޮޑު - އެޗްޕީއޭ

ރާއްޖޭގައި މިދުވަސްކޮޅު އިންފްލުއެންޒާ އިތުރުވާތީ ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިއަށްއޮތީ ދިރާސީ އަހަރު ނިމި ސްކޫލް ޗުއްޓީ ދުވަސްވަރު ކަމުން، މި ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރު ކުރުން އިތުރު ވުމާއި ގޭގެއަށް ޒިޔާތަރަތް ކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެކަމަށާއި ހަމައެއާއެކު މި ދުވަސްވަރު އިންފްލުއެންޒާ އިތުރުވަމުން އަންނާތީ އާއި ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ޑެންގީ ހުންވެސް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އެހެންކަމުން، އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ އަދި މިނޫންވެސް އެހެނިހެން ގައިގައިން އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ތިރީގައި ބަޔާން ކުރެވިފައިވާ ކަންކަމަށް މިދުވަސްވަރުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
• އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން،
• ރޯގާޖެހި ކެއްސާނަމަ ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންމަދުކުރުމާއި ، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
• ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން،
• ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމެވެ. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް:
• ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
• ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
• ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
• ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.
• ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން
• ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ