ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީ ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ.
ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން ކަމަށާއި އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށް މިނިސްޓްރީ އޮފް ފޯރިން އެފެއާރސް އިން ވިދާޅުވިއެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ" މިނިސްޓްރީ އޮފް ފޯރިން އެފެއާރސް އިން ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ވެހިކަލްތައް ޕާކްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށްވެސް ޑިޕްލޮމެޓިކް އެންކްލޭވްގެ ސަބަބުން ލުއިކަމެއް ލިބިގެންދާނެކަމަށާއި ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ 'ރެސިޕްރޯސިޓީ' އުޞޫލުން ކަމަށް ވެސް މިނިސްޓްރީ އޮފް ފޯރިން އެފެއާރސް އިން ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޗައިނާއަށް ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސައިދީފައެވެ.