2022 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ ދިވެހިންނަށް ލިބޭ ރަނގަޅު ފުރުސަތަކަށް

2022 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ ދިވެހިންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައި މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް އިން ވިދަޅުވެއްޖެއެވެ.

ފޮރިންގ މިނިސްޓްރީން މިފަދައިން ވިދަޅުވެފައިވަނީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތު އޮފް ނޭޝަންސްގެ މެމްބަރު ގައުމަކަށް ވުމުގެ މުނާސަބަތާއި ގުޅިގެންނެވެ.

ފޮރިންގ މިނިސްޓްރީން ވިދާޅުވީ، ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތައްކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ކެބިނެޓުން ރުހުން ދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކޮމަންވެލްތަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ދިވެހިރާއްޖެއިން ހުށަހެޅުމުން، 2019 ޖެނުއަރީގައި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފުރަތަމަ އެސެސްމަންޓް ހެއްދެވިއެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރުމަށް ކޮމަންވެލްތު އޮބްޒާވަރ ގްރޫޕެއް ރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ.

ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި 2019 ޖޫން 12 ވަނަ ދުވަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގެން ހަވާލުކުރެއްވިއެވެ.

އަދި 2019 އޮގަސްޓްގައި ކޮމަންވެލްތުގެ ދެވަނަ އެސެސްމަންޓް މިޝަން ރާއްޖެއަށް ޒިޔާރަތްކުރައްވައި، ކަމާ ބެހޭ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ. ދިވެހިރާއްޖެއިން ކޮމަންވެލްތަށް އަލުން މިވަނީ އެޖަމްއިއްޔާގެ 54 ވަނަ މެމްބަރު ޤައުމުގެ ގޮތުގައެވެ. ދިވެހިރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ދިޔައީ ބައިވެރިވަމުންނެވެ.

އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވެއެވެ. 1992 ވަނަ އަހަރު ކޮމަންވެލްތު ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖޭގައެވެ. އަދި ކޮމަންވެލްތު ގޭމްސްގައިވެސް ރާއްޖެއިން ފުރިހަމަޔަށް ބައިވެރިވަމުން އައިސްފައިވާއިރު، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބަރމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ އެކި ކުޅިވަރުތަކުގައި ދިވެހި އެތުލީޓުންނަށް ވާދަކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށެވެ.

ކޮމަންވެލްތުގެ ވެފައިވަނީ ބައިނަލްއަޤްވާމީ އެހެން ޖަމްއިއްޔާތަކަށްވުރެ ބޮޑަށް ކުދި ޤައުމުތަކުގެ މައްސަލަތަލަށް ފަރިތަ ޖަމްއިއްޔާއަކަށެވެ. މީގެ ކުރީގެ ތަޖުރިބާއަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ވިޔަފާރިއާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ހެޔޮވެރިކަމާއި، މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާތަކުން ދިވެހިރާއްޖެއާއި ކޮމަންވެލްތާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަހުއްޓެވެ.

މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ