ޖުޑިޝަރީ އިސްލާޙް ކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ފުންނާބު އުސް ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނު ރާއްޖެ ޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ކުރީ ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ސްޕްރީމް ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައި ވަނިކޮށެވެ.
ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ގަޑިއަށް ކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް ޖުޑިޝަރީ އިސްލާޙް ކުރުމަށް ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.
ސޫއޫދު ސްޕްރީމް ކޯޓަށް ހާޒިރު ވުމަށް އެ ކޯޓުން އަންގާފައިވަނީ މިއަދު މެންދުރު 01:15 އަށެވެ. ސުއޫދަށް ފޮނުވާފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވަނީ ސުއޫދު ސްޕްރީމް ކޯޓަށް ހާޒިރު ކުރަނީ "ސްޕްރީމް ކޯޓުގެ ބޭނުމަށް" ކަމަށެވެ.
ސުއޫދުގެ މައްސަލަ ބަލާކަން ހާމަކުރަމުން ސުޕްރީމް ކޯޓުން ނެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފި ވާކަމަށެވެ.
ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި އެހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުފެ ފަނޑިޔާރުން ހަމަ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސުއޫދު ވިދާޅުވި އެވެ.
އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތް ގޮތަށް ފަނޑިޔާރުން ވަކި ކުރުމާއި އޭނާ ދެކޮޅުކަން ހާމަކުރައްވައި ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭނީ އިޖުރާތްތަކުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
"ފުރުސަތު ދެވެން ވާނެ އެ ބޭފުޅުންނަށް ޖަވާބުދާރީ ވާން. އަދި އެ ބޭފުޅުންގެ ގާބިލުކަން ހުރިތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމަށްޓަކައި ޕްރޮސެސް އެއް އޮންނަން ޖެހޭނެ. ހަމަ ކުއްލިއަކަށް އެއްރޭ އިރު އަރާތަނާ ހުރިހާ ފަނޑިޔާރުން ކަނޑާލައިގެން ކަމަކު ނުދާނެ،" ސުއޫދު ވިދާޅުވި އެވެ.