ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. އަތޮޅު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހުވަދު އަތޮޅު ދެކުނުބުރީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެމީހުންގެ އުއްމީދުތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.
މިބައްދަލު ކުރެއްވުމުގައި ހުވަދު އަތޮޅުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސް އާއި ހިއްސާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި، ހުރިހާ ދާއިރާއަކުން އަތޮޅު ތަރައްޤީކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކައުންސިލް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.
ލާމަރުކަޒީ އުސޫލުން ދައުލަތުގެ ހިންގުން ހަރުދަނާ ކުރެވޭ ގޮތްތަކާއި، ހިންގުމުގެ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ ދައުރު އިތުރުކުރުމާއި މެދުވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި މެމްބަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމަށާއި، ވީހާވެސް ބޮޑަކަށް ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ޒިންމާތައް ސަރުކާރުން ދޫކޮށްލަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ މިބައްދަލުކޮށްލެއްވުމުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޢުމްރާނީ ވަސީލަތްތައް އިތުރުކޮށް، އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމުގައި ސަރުކާރުން ރާވާފައިވާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގައި މިނިސްޓްރީތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.




