މި އަހަރު ފެންނާނެ ސުޕާމޫންތަކުގެ ތެރެއިން އެންމެ ފަހު ސުޕަރމޫން ނުވަތަ މާހަނދު، މިރޭ ފެންނާނެއެވެ. މި ގޮތަށް ހަނދު އާދަޔާ ހިލާފަށް ދުނިޔެއާ ކައިރިން މިއަހަރު ފެންނާނެ މިއީ އެންމެ ފަހުފަހަރެވެ. މިރޭ ފެންނަ މާ ހަނދަށް ދީފައިވާ ނަމަކީ، "ފްލާވަރ މޫން"އެވެ.
މިރޭ ފެންނަ މާހަނދަށް ފްލާވާރ މޫން އިން ނަންދެވިފައިވަނީ، މެއި މަހަކީ، ބަހާރު މޫސުމުގެ ދުވަސްވަރު ކަމަށް ވާތީއެވެ.
ނާސާ އިން ބުނީ މިއަހަރު ފެންނާނެ އެންމެ ފަހު ސުޕަރމޫން، މިރޭ ފެންނާނެކަމަށެވެ. އަދި މި ސުޕަރމޫން ނުވަތަ ފުލް މޫން، އާއްމުކޮށް ހަނދު ފެންނަ ސައިޒަށް ވުރެ ހަ ޕަސެންޓް ބޮޑުވާނެކަމަށްވެސް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މިއަހަރު ހިފި އެންމެ ފުރަތަމަ ސުޕަ މޫން ފެނިފައިވަނީ، މި އަހަރުގެ މާރޗު މަހުގެ 9 ވަނަ ދުވަހުއެވެ. ރާއްޖެއަށް މި މާ ހަނދު ވަރަށް ސާފުކޮށް ފެނިފައިވާއިރު، ރާއްޖެއަށް މި ސުޕަމޫން ފެނިފައިވަނީ ރާއްޖެ ގަޑިން 22:48 ގަ އެވެ.
މި އަހަރު ދެ މާހަނދެއް މީގެ ކުރިން ވަނީ ފެނިފައެވެ. އެއީ، މާރޗް މަހުގެ 9 ވަނަ ދުވަހުގެ ރޭ(ރަޖަބު މަހުގެ 15 ވިލޭރެ) އާއި، އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ (ޝަޢުބާން މަހުގެ 16 ވިލޭރެ) އެވެ. އޭޕްރީލް މަހު ފެނުނު މާ ހަނދަށް ދީފައިވާ ނަމަކީ ޕިންކް މޫނެވެ. މި ދެ މާ ހަނދުވެސް ރާއްޖެއަށް ސާފުކޮށް ފެނިފައިވެއެވެ.
ފަލަކީ އިލްމްވެރިން ބުނާގަޮތުގައި މިރޭގެ މާ ހަނދުވެސް ރާއްޖެއަށް ވަރަށް ސާފުކޮށް ފެންނާނެއެވެ.
ހަނދު ދުނިޔޭގެ ވަށައިގެން ބިސްބުރެއްގެ ސިފައިގައިވާ އޯބިޓެއްގައި ދަތުރުކުރަމުން ދާއިރު ބައެއް ދުވަސްވަރަކަށް ދުނިޔޭގެ ބިމާ ގާތްވެ އަނެއްބައި ދުވަސްވަރަކަށް ދުނިޔެއާ ދުރުވެއެވެ. ދުނިޔެއާ ދުރުވާ ދުވަސްވަރު ހަނދު ފެންނާނީ ކުޑަކޮށެވެ. އަދި ދުނިޔެއާ ގާތްވާ ދުވަސްވަރު ހަނދު ފެންނާނީ ބޮޑުކޮށެވެ. ސުޕަމޫންގެ ގޮތުގައި ހަނދު ފެންނައިރު ހަނދު އާންމުކޮށް ހުންނަވަރަށް ވުރެ 12 ހާސް މޭލު ދުނިޔޭގެ ބިމާ ގާތްވާނެއެވެ.