މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރޭ ކޮވިޑް-19 ޖެހިގެން، އެތައް ބަޔަކު އެމީހުންގެ އާއިލާއާއި ދުރުގައި ދަނީ ގިނަ ދުވަސްތަކެއް ހޭދަކުރަމުންނެވެ. އަމިއްލަ ދަރިންނާއި މައިބަފައިން ނުފެންނަ ހިސާބުގައި ދިރިއުޅުމަކީ، ހިތައް އަރުވާލަންވެސް އުނދަގޫ ހިތްދަތިކަމެކެވެ.
އެމެރިކާގެ "ނިއު އިޔޯކް" ގައި ދިރިއުޅޭ މިދެމަފިރިންގެ ހާލަތަކީވެސް މިއީއެވެ. ކޮރޯނާ ވައިރަސްގެ ޕެންޑެމިކްއާއެކު، ހަވަރޑް ސްމިތް، އޭނަގެ އަންހެނުން ލޮއިސް ކިޓްސަން އާއި ދުރުގައި އުޅޭތާ މިހާރު 56 ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެހެންނަމަވެސް، މިދިޔަ ހަފްތާގައި ކުޑަ ވަގުތުކޮޅަކަށް މި ދެމެފިރިންނަށް އެކަކު އަނެކަކު ފެނުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
ހަވަރޑްގެ އަންހެނުން ލޮއިސްއަކީ، 2015 ވަނަ އަހަރުން ފެށިގެން ނާރސިން މެޑިކަލް ސެންޓަރެއްގައި "އެލްޒްހެއިމަރސް" ބައްޔަށް ފަރުވާ ހޯދަމުން އައި ޕޭޝަންޓްއެކެވެ. އަދި އޭރުންފެށިގެން ހަވަރޑް ކޮންމެ ދުވަހަކު މި މެޑިކަލް ސެންޓަރަށް އޭނަގެ އަންހެނުންކައިރިއަށ ޒިޔާރަތްކުރެއެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ޕެންޑެމިކާއެކު، އޭނަގެ އަންހެނުން ނުފެންނަތާ ފަންސާހަށްވުރެ ގިނަ ދުވަސްފަހުން އޭނަގެ އަންހެނުން ކައިރިއަށް ހަވަރޑަށް އެންމެ ފަހުން ދެވިއްޖެއެވެ.
އެހެންނަމަވެސް މި ބައްދަލުވުން ރޭވިފައިވަނީ، ހާއްސަ ފިޔަވަޅުތަކަކާއެކުއެވެ. އެގޮތުން ހަވަރޑަށް އޭނަގެ އަންހެނުންގައިގައި އެއްވެސް ވަރަކަށް އައިނުލެވުނުއިރު، ދެމީހުން ހުންނަން ޖެހުނީ، 6 ފޫޓު ދުރުގައެވެ. އަދި ދެމީހުންވެސް ހުރީ މާސްކް އަޅައިގެންނެވެ. އަދި ހަވާރޑް އަށް އޭނަގެ އަންހެނުންނާއި ބައްދަލުވީ 35 މިނެޓަށެވެ.
ހަވަރޑް ބުނީ، އޭނަގެ އަންހެނުން ވީލް ޗެއަރ އެއްގައި ނެރުނުއިރު ލޮލުން ކަރުން އައިކަމަށެވެ. ލޮއިސްގެ ބަލި ހާލަތު ހުރި ގޮތުން އޭނައަށް ވާހަކަ ދެއްކުމަކީ އުނދަގޫކަމެކެވެ. އެހެންކަމުން ލޮއިސް އަށް ކުރެވުނުހާވެސް ކަމަކީ، ދުރުގައި ހުރެ ހިނިތުންވުން ދިނުން ކަމަށް ހަވަރޑް ބުންޏެވެ.
ލޮއިސް އާއި ހަވަރޑްއަށް އަންހެން ދަރިއަކު ލިބިފައިވާއިރު، އޭނަގެ އުމުރަކީ 27 އަހަރެވެ. އަދި ދެން އަންހެނުން ލޮއިސް އާއި ބައްދަލުވާއިރު، އޭނަގެ ދަރިފުޅުވެސް މަންމައާއި ބައްދަލުކުރަން ބޭނުންވެއެވެ.
ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެން މި މުސްކުޅި ދެމަފިރިންގެ ވަކިވި ވާހަކަ މީގެ ކުރިންވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.