މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

އިންޑިއާގެ 16 ސިޓީއަކުން 234 ދިވެއްސަކު މާދަމާ ރާއްޖެ ގެންނަނީ

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި 234 ދިވެއްސަކު މާދަމާ ރާއްޖެ ގެންނައުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނާނެ ކަމަށާއި، ދިވެހިން ގެންނަނީ 16 ސިޓީއަކުން ކަމަށެވެ.

އެ މީހުން ގެންނަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާއީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އެއަރބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ރޫޓުގައި. މި ފްލައިޓް ހުޅުލެއަށް ޖައްސާނީ މެންދުރުފަހު 2:00 ގައި ކަމަށާއި ޑޭޝް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ޓްރިވެންޑްރަމް – މާލެ ރޫޓްގައި. މި ފްލައިޓް ހުޅުލެއަށް ޖައްސާނީ މެންދުރު ފަހު 1:10 ގައި ކަމަށްވެސް އެމިނިސްޓްރީން ހާމަކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ދެ މަތިންދާބޯޓުގައި ރާއްޖެ އަންނަން ދިވެހިންގެ ތެރެއިން ދުރު ސަރަހައްދުތަކުގައި އުޅޭ މީހުން ދިއްލީ އަށާއި ޓްރިވެންޑްރަމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ.

"މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ." ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފްލައިޓްތައް ބޭއްވުމަށް ދަނީ މަސައްކަތްކުރަމުން ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ