ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ކަރާމާތް ނަގަހައްޓަން ޖެހޭ: ޑރ. ޝަހީމް

ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ކަރާމާތް ނަގަހައްޓަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުލަބެއްގެ ތެރޭގައި ޕާޓީ ކުރައްވާތަން ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި އާންމުވެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީމް މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ބިރަކާއި ނުލާ އާއިލާ ގޮވައިގެން “ރާބޮއިގެން” ކުލަބުތަކުގައި ނަށާ މަޖާކުރާ މީހުން، ވެރިންނަށް ތިބެގެން ގައުމު ރަނގަޅު މިސްރާބަކަށް ހިނގައިދާނެތޯ ސުވާލު ކުރައްވާފައެވެ. އަދި ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ކަރާމާތް ނަގަހައްޓަން ޖެހޭ ކަމަށާއި އިސްލާމީ ސަގާފަތާއި އަގީދާގެ ގަދަރު ކުޑަކޮށްލަން ފުރުސަތު ނުދެއްވުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އެ ވީޑިއޯއާ ގުޅިގެން ގިނަބައެއްގެ ނުރުހުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސަށް ސިޓީއެއް ފޮނުއްވާ އެ މައްސަލަ މިނިވަންކަމާއި އެކުގައި ތަހުގީގު ކުރުމަށްވެސް ގޮވާލައިފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ވީޑިއޯ ލީކް ކޮއްލާފައިވަނީ “އެނޮނިމަސް އެމްވީ” ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ.

“އެނޮނިމަސް އެމްވީ” އިން ރޭ މެންދަމު ވީޑިއޯ ލީކްކޮށް، ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ސީޕީ ހަމީދު އާއި އެމަނިކުފާނުގެ އަންބިކަނބަލުން ކަމަށެވެ.

“ކޮވިޑް-19 ގެ މި ދަނޑިވަޅު، ކޮމިޝަނަރު މުޙައްމަދު ހަމީދު އަދި އަނބިކަނބަލުން ނަޒީހާ އަހްމަދު މަސްތުގެ ހާލަތުގައި ނަށަނީ. ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު (އޮގަރު އައްޔަ).” އެނޮނިމަސްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ސީޕީ ހަމީދުއާއި ވައްތަރު ބޭފުޅަކު މަސްތުވެ ޕާޓީކުރަމުންދިޔަ ތަނެއްގައި އުޅުއްވާ ވީޑިއޯ ރޭ ލީކް ކޮށްލުމުގެ ކުރިން، އެ ޓްވިޓަރ އެކައުންޓުން މިމަހުގެ 9 ވަނަ ދުވަހު ވަނީ މިކަމާ ގުޅޭ ފޮޓޯތައް އާއްމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ