މަޖިލިސް ތެރޭގައި ރޭ ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާ ކުއްވެރިކުރައްވާކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ މަޖިލީހުގެ މެންބަރުންތަކެއްވެގެން، މެންބަރަކާއުމެދު މި ގޮތަށް ކަންތައް ކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޞުލޫކު ހުރީ ސަރުދާރެއް ފަދައިން ކަމަށެވެ. އަދި މިއީ ޤާނޫނު އަސާސީއަށް އިސްލާހު ގެންނަ ގޮތް ތޯ ޑރ. ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.
މިހާރު ތިބި ކައުންސިލަރުގެ ދަޢުރު ދިގުކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރޭ ދަންވަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. ޤާނޫނު އަސާސީއަށް މި އިސްލާހު ހުށައަޅާފައިވަނީ ސަރުކާރުންނެވެ. މި އިސްލާހުއާއިމެދު ބައެއް މެންބަރުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ސްޕްރީމް ކޯޓުގެ ލަފާވެސް ވަނީ ހޯދާފައެވެ.
ރޭ ބޭއްވި ޖަލްސާގައި ރިޔާސަތުން މެންބަރު ޝިޔާމްގެ ނަން ވަނީ އިއްވާފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ނިކުތުމަށް ޝިޔާމް ދެކޮޅު ހެދުމުން މަޖިލީހުގެ މެންބަރުންތަކެއް ވަނީ އޭނާ ގަދަކަމުން މަޖިލީހުން ބޭރުކޮށްފައެވެ. މެންބަރު ޝިޔާމް މަޖިލީހުން ބޭރު ކުރުމުގައި ޝިޔާމްގެ އިތުރުން ބައެއް މެންބަރުންނަށް ވަނީ އަނިޔާލިބިފައެވެ.
ޝިޔާމް މަޖިލީހުން ބޭރުކުރާ މަންޒަރު ފެންނަ ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ގިނަ އަދަދެެގެ މެންބަރުންތަކެއް ވަނީ ޝިޔާމް މަޖިލީހުން ބޭރުކުރުމަށް މަސައްކަތް ކުރައްވާފައެވެ. އަދި ގައިގައި އަތް ނުލުމަށް ތަކުރާރުކޮށް ބުނާ އަޑު މި ވީޑިއޯ އިން އިވިގެންދެއެވެ.
ޝިޔާމް މަޖިލީހުން ބޭރު ކުރި ގޮތާމެދު ބައެއް ބަފާތަތަކުން ދަނީ ކަންބޮޑުވުން ފާޅު ކޮށް އެކަން ކުއްވެރި ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެފައިވަނީ މަޖިލީހުގެ ރިޔާސަތުން އަންގައިގެން މެމްބަރުންލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ.