ސިޓީ ކުޅުންތެރިން އެފްއޭ ކަޕް ތައްޓާއެކު - ފޮޓޯ: ބީބީސީ

އެފްއޭ ކަޕް – ސްޓާލިންގެ ހެޓްރިކާއެކު ސިޓީން މިސީޒަންގެ 3 ވަނަ ތަށި ކާމިޔާބުކޮށްފި

އެފްއޭ ކަޕް ފައިނަލްގައި މިރޭ ވެޓްވޯޑާއި ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ސިޓީން މިސީޒަންގެ ތިންވަނަ ތަށި ކާމިޔާބުކޮށްފިއެވެ.

6-0 ގެ ނަތީޖާއަކުން ނިމުނު މިމެޗުގައި ރަހީމް ސްޓާލިންވަނީ ހެޓްރިކެއް ހަދާފައެވެ. ސިޓީންޖެހި އަނެއް ތިންލަނޑު ޖަހައިދިނީ ސިލްވާ، ޑިބްރޫނޭ އަދި ޖީސޫސްއެވެ. މީގެ ކުރިން އެފްއޭ ކަޕް ފައިނަލެއްގައި ހެޓްރިކެއް ހަދާފައިވަނީ 1953 ގައެވެ.

މިސީޒަންގެ ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ކަރަބައޯ ކަޕް ސިޓީވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ ކުރީކޮޅު ވެޓްފޯޑަށްވަނީ ލަނޑުޖަހޭނެ ރަނގަޅު ދެފުރުޞަތެއް ލިބިގެން ގޮސްފައެވެ. ލިބުނު މިފުފުޞަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ފަހަތަށް ބާރުބޮޑުވެ ގިނަ ލަނޑުތަކެއް ބައިކޮޅަށް ވަދެގެން ދިއުމެވެ.

ސިޓީގެ ވަރުގަދަ ކުޅުން ފެނިގެންދިޔަ މިރޭގެ މެޗުގައި ސިޓީންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. 24 ހަމަލާ ސިޓީން ފޮނުވާލިއިރު އޭގެތެރއިން 11 ހަމަލާވަނީ ވެޓްފޯޑްގެ ގޯލާއި އަމާޒުވެފައެވެ.

މިސީޒަންގެ ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ސިޓީ ކާމިޔާބުކުރިއިރު މިދެތަށި އެއްސީޒަންއެއްގައި މީގެ ކުރިން ކާމިޔާބުކޮށްފައިވަނީ ޗެލްސީއިންނެވެ. ކާލޯ އަންޗެލޯޓީގެ އިރުޝާދުގެ ދަށުން ޗެލްސީ މިދެތަށި ކާމިޔާބުކޮށްފައިވަނީ 2009-10 ސީޒަންގައެވެ.

މިއީ ސީޓިން އެފްއޭ ކަޕް ކާމިޔާބުކުރި 6 ވަނަ ފަހަރެވެ. އަދި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސީޓީން މިތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ގާޑިއޯލާ މެންޗެސްޓާ ސިޓީއާއި ޙަވާލުވީ 2016 ވަނަ އަހަރުއެވެ. އަދި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ޖުމްލަ 6 ތަށި ސިޓީން މިހާރު ކާމިޔާބުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް