މަގުތައް ބަންދުކޮށް އިންޑިއާގެ ދަނޑުވެރިން މުޒާހަރާކުރަނީ

އިނޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތައް ސަރުކާރުން ގެއްނަން ފަށައިފައިވާ އިސްލާހާއި ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ ދަނޑުވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

މިގޮތުން ދަނޑުވެރިކަމުގެ ޔޫނިއަންތަކުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުންވަނީ ސަރުކާރުގެ ފަރާތުން ދަނޑުވެރިކަމުގެ ސިނާއަތް އިސްލާހުކޮށް ތަރައްގީ ކުރުމަށް ޕާލަމެންޓަށް ހުށަހަޅައިފައިވާ ބިލްތަކާއި ދެކޮޅު ހެދުމުގެ ގޮތުން ބަޔެއް ސްޓޭޓުތަކުގެ ރެއިލް ދަތުރުތައް ހުއްޓުވާ މަގުތައް ބަންދުކޮށްފައެވެ.

އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޕާލަމެންޓް މެދުވެރިކޮށް ދަނޑުވެރިކަމުގެ ސިނާއަތް ފުރީ މާކެޓައް ހުޅުވާލުމަށެވެ. މިގޮތުން އަމިއްލަ ކުންފުނިތަކަށް ބާރުތައް ލިބިދޭ ބިލްތަކެއް ސަރުކާރުގެ ފާރާތުން ޕާލަމެންޓަށް ހުށަހަޅައިފައިވާއިރު ދަނޑުވެރިން ބުނަމުން އަންނަނީ މި ބިލްތަކުގެ ސަބަބުން އެމީހުންނަށް މިހާރު ލިބޭ އާންމުދަނީ ބޮޑުތަނުން މަދުވެގެން ދާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ފާސްކުރަން މިހާރު މަސައްކަތްކުރާ ދަނޑުވެރިކަމާ ބެހޭ ބިލްތަކުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ކަނޑައަޅައިފައި އޮންނަ އަނގުތައް ފުރީ މާކެޓައް ދޫކޮށްލެވިގެންދާނެއެވެ. އިންޑިއާގެ ގިނަ ދަނޑުވެރިން އެ މީހުން ހައްދާ ކާބޯތަކެތީގެ ބާވަތްތައް ވިއްކަމުންދަނީ ސަރުކާރުން ކޮންޓުރޯލްކުރާ ހޯލްސޭލް މާކެޓުތަކަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިމަމް ސަޕޯޓް އަގުގައެވެ.

އަލަށް ފާސްކުރަން އުޅޭ ގާނޫނުތަކުގެ ސަބަބުން ދަނޑުވެރިން ބުނަމުން އަންނަނީ އެމީހުން ހައްދާ ބާވަތްތައް ނުއަގުގައި އަމިއްލަ ކުންފުނިތަކަށް ވިއްކަން ޖެހިދާނެ ކަމަށެވެ.

ދަނޑުވެރިންގެ މި ކަނބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ފަރާތުން ބުނެފައިވަނީ އަލަށް ފާސްކުރާ ބިލްތަކުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތައް އިންޑިއާގައި އިތުރުވެ އެ ސިނާއަތް އެތައް ތަނަކުން ކުރިއަރައިގެން ދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ