މި ދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި މާރާމާރީގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި އަސަލް ހޮސްޕިޓަލަށް ގެންގޮސްދިން މީހާ އަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ތަޢުރީފު ކުރައްވައިފިއެވެ.
އެގޮތުން ސީޕީ ހަމީދު ވަނީ އޭނާ އަކީ ހިތްވަރުގަދަ މީހެއްކަމަށް ވިދާޅުވެ އޭނާގެ އެ ޢަމަލަކީ އިންސާނިއްޔަތުގެ މަތިވެރި ޢަމަލެއްކަމުގައި ސިފަކުރައްވާފައެވެ. އަދި އެމީހާގެ އެ ޢަމަލަކީ ޙަގީގީ ބަޠަލުންގެ ސިފައެއްކަމަށްވެސް ސީޕީ ވިދާޅުވެފައި ވެއެވެ.
ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގާ ދިޔަ އެ ޙަދިސާއަކީ ފައިސާގެ މައްސަލައެއްގައި ހިނގި ހާދިސާއެކެވެ. އެރޭ 08:45 ހާއިރުކުރިމަތިވި މަރުގެ ހަމަލާއިން މާލޭގެ އެ ވިޔަފާރި ވެރިޔާ ސަލާމަތް ކޮށްދިނީ އެ ސަރަހައްދުގައި އެވަގުތު ހުރި އާންމުންގެ މީހެކެވެ.
A very brave and humane act. Salute this real life hero. ?? https://t.co/X9NIZLweFL
— Mohamed Hameed (@M_Hameedh) September 27, 2020
މި މާރާމާރީގައި ވަޅީގެ ޝިކާރައަކަށްވި އަސަލް އަޙްމަދު ޝަމާލް މި ނޫހާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެވަގުތު އެތަނުގައި ހުރި މީހަކު އަމިއްލައަށް އިސްނަގައިގެން އެމީހާގެ ސައިކަލް ފަހަތަށް އަރުވައިގެން ކަމަށެވެ. އަދި ޝަމާލް ސައިކަލަށް އެރުވުމަށްފަހު ކޮނޑުގައި ބާރަށް ހިފަހައްޓައިގެން ހުރުމަށް އެދުނު ކަމަށާއި އައިޖީއެމްއެޗް އާއި ހަމައަށް ދެވެންދެންވެސް އޭނާއާއި ވާހަކަ ދައްކާ ހާލު ބަލަމުންދިޔަކަމަމުގައި ޝަމަލް ވަނީ ބުނެފައެވެ.
އަސަލް ފޭސްބުކްގައި އޭނާގެ އިޙުސާސްތައް ހާމަކުރަމުން ބުނެފައިވަނީ، ސުވާލުކުރުމެއްނެތި އެރޭ އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ އިންސާނިއްޔަތު ކަމަށްޓަކައި އަދާ ކުރި ޒިންމާއިން ސަލާމަތްކޮށް ދެވުނީ އޭނާގެ ފުރާނަކަމަށާއި އެކަމަށް ނުހަނު ޝުކުރުވެރިވާކަމަށެވެ. އަދި އެމީހާއާއި ބައްދަލުކުރަން ބޭނުންވާކަމުގައިވެސް އަސަލް ވަނީ އެރޭ ބުނެފައެވެ.
އަސަލް ފަހުން ވަނީ އޭނާ އަށް އެހީތެރިވި ވީހާ ހޯދައި އޭނާއާއި ބައްދަލު ކޮށްފައެވެ.