ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް މޫސާ ނިމާލް އަދި ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް އަހުމަދު އަސީފް އެ ބޭންކް އިން ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ވިދާޅުވެފައި ވަނީ ނިމާލް ބޭންކާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރުކަމަށާއި ބޭންކުގައި ވަޒީފާ އަދާކުރެއްވި މި ދިގު މުއްދަތުގައި ނިމާލް ވަނީ ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވައި، ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައިކަމަށެވެ.
މިގޮތުން ނިމާލް ވަނީ ބްރާންޗް އޮޕަރޭޝަންސް, ކަސްޓަމަރ ސަރވިސަސް, އިންޓަރނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި މަސައްކަތް ކުރައްވާފައެވެ. ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫޢުތަކާއި, ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް ވަނީ މުހިންމު ދައުރެއްވެސް އަދާކުރައްވާފައެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގައެވެ.
ބީއެމްއެލް އިން ވިދާޅުވީ އަސީފް އަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކަރ އެއްކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރގެ މަގާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި 8 އަހަރު ތެރޭގައި އަސީފް ވަނީ ކޯޕަރޭޓް ބޭންކިންގ ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމަރ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިކަމަށެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަސީފް ގެންދެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމު އަދާކުރައްވަމުންނެވެ.
"މި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަރަށް ފުޅާދައިރާއެއްގައި މަަސައްކަތްކުރެވިގެން ދިޔުމަށްފަހު، ނިމާލް އާއި އަސީފް ބޭންކުގެ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގަތުމުން މަރުހަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ ބޮޑު އުފަލެއް. މި ދެބޭފުޅުންނަކީވެސް ބޭންކިންގ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ދިވެހިން. ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިންގ އަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މިދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މި ދެ ބޭފުޅުން ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް އިތުރުބާރު އެބައޮތް. ނިމާލް އާއި އަސީފް އަށް ކާމިޔާބަށް އެދެން." މި މަގާމަށް ނިމާލް އާއި އަސީފް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެފައިވެއެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.
								
											

