އިންޑިއާގެ ބޭއްވި އާންމު އިންތިހާބުގައި ތަފާތު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި ދެވަނަ ދައުރެއް ދިފާއުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤައުމުން ބޭރަށް ކުރައްވާ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާކަން ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވާކަން ފުރަތަމަ ފަހަރަށް ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދެއްވާ ނަޝީދު އެކަން ހާމަކުރެއްވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ކުރެއްވުމާ ގުޅިގެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުންނެވެ.
"އެގިވަޑައިގަންނަވާނެ ކުރިއަށް މިއޮތް ޖޫން މަހުގެ 7 ވަނަ ދުވަހުއާއި 8 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އަންނަމަހު ރާއްޖެވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދެއްވިއިރު، ވެރިކަންކުރާ ބީ.ޖޭ.ޕީ ހޯދި ކާމިޔާބީ ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ފޯނުން ގުޅުއްވައި މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ބޭއްވި ރަސްމީ ޖާއްސާއަގައި މޯދީ ބައިވެރިވެވަޑައިގެންފައިވާއިރު، ރައީސް ސޯލިހުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީވެސް އިންޑިއާއަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ދިވެހިރާއްޖެ އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް ، ރައީސް ޞޯލިޙްގެ ވެރިކަމުގައި އެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.