ސަރުކާރުގެ ނާގާބިލުކަމުން 2 އަހަރުން ބޮޑެތި ލޯންތައް ނަގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނިތައް މި ސަރުކާރުން ދައްކަން ޖެހޭތީ ރައީސް ނަޝީދު ކަންބޮޑުވުން ފާލުކުރައްވާފައި ވަނިކޮށެވެ.
ރައީސް ނަޝީދު މިއަދި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭއިރު އެވަރަށް އާމްދަނީ ނެތުން ކަމަށާއި 2012 އިން ފެށިގެން 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން މިޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ސަރުކާރަށް ކަމަށެވެ.
“އަދި މިވަގުތު މިވަނީ ސަރުކާރުގެ އާމަދަނީ އެކީހެން ނެތިފައި. އެންމެ ގިނައިން ދައްކަން ޖެހޭނީ 2121 – 2023 އާއި ދެމެދު.” ނަޝީދު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވާ ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރކަން ކުރެއްވި މުޙައްމަދު ސަޢީދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިކޯޑު މިންވަރަށް ރިކަރެންޓް ހަރަދު ކުރުމުން، ވޯލްޑް ބެންކް ވެސް ފާޑު ކިޔާނެ ކަމަށާއި މިއީ އެންމެ 2 އަހަރުގެ ނާގާބިލުކަން ކަމުގެއެވެ.
"520 މިލިއަން ޑޮލަރުގެ އެހީ، 4 ބިލިއަން ރުފިޔާ ޗާޕްކުރުން، 1.2 ބިލިއަން ޑޮލަރުގެ ލޯން، 800 މިލިއަން ޑޮލަރުގެގެ ލޯނު ކްރެޑިޓް ފެސިލިޓީ، އިންޑިއާގެ 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕް، 2 ބިލިއަން ކޮވިޑް ހޭދަ."ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ކުރީ ސަރުކާރުތަކުގެ ދަރަނި މި ސަރުކާރުން ދައްކަން ޖެހޭތީ ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި




