ބައެއްގެ ފަރާތުން ލިބުނު ހާއްސަ ދައުވަތަކަށް ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން(ކައި)، އޮންލައިން ޕްލެޓްފޯމް ޓިކްޓޮކާއި ގުޅިއްޖެއެވެ.
ޓިކްޓޮކްގައި "ކައިޒީންކައި"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކީ އޭނަގެ ރަސްމީ އެކައުންޓުކަން، އިންސްޓަގްރަމްގައި ހިއްސާކުރި ޕޯސްޓެއްގައި ކައި ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ޓިކްޓޮކްއާއި ގުޅުމަށްފަހު، އޭނައަށް ފޮލޯ ކުރުމަށް ކައި ވަނީ ފޭނުންގެ ކިބައިން އެދިފައެވެ.
މީގެ އިތުރުން، ޓިކްޓޮކާއި ގުޅުނު ސަބަބު ފޭނުން އެނގެން ބޭނުންވާތީވެ، ކައި ބުނީ އޭނާ ޓިކްޓޮކާއި ގުޅުނީ، ޓިކްޓޮކްގެ ސައުތު އޭޝިއަން ޓީމަކުން ދައުވަތު ދިނުމުންކަމަށެވެ.
ކައި އެންމެ ފުރަތަމަ ކުޅެފައިވާ ޓިކްޓޮކް ވީޑިއޯވެސް ކައި ވަނީ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.
ކައި މިއަދު ޓިކްޓޮކާއި ގުޅިފައިވާއިރު، އޭނަގެ ފުރަތަމަ ޓިކްޓޮކް ވީޑިއޯ ޕޯސްޓުކުރިތާ ތިން ގަޑިއިރުތެރޭގައި ދެހާހަށްވުރެ ގިނަ މީހުން ކައިއަށް ވަނީ ފޮލޯކޮށްފައެވެ.
ކައިގެ އިތުރުން، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް ވަނީ ޓިކްޓޮކާއި ގުޅި، އެމީހުންގެ ޓިކްޓޮކް އެކައުންޓުތައް ވެރިފައިވެފައެވެ.
އެގޮތުން، ފުރަތަމަ ރާއްޖޭގައި ޓިކްޓޮކް އައިޑީއެއް ވެރިފައިވުމުގެ ޝަރަފު ލިބިފައިވަނީ ފިލްމީ ތަރި އަލީ ސީޒަނަށެވެ. މީގެ އިތުރުން، ދިވެހި ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑްބޮޑު އެކްޓްރެސް މަރިޔަމް އައްޒަ އާއި އޭނަގެ އަދި އެކްޓަރ އަބްދުﷲ މުއާޒު(މުއާ)ގެ ޓިކްޓޮކް އެކައުންޓުވެސް ވަނީ ވެރިފައިކޮށްފިއެވެ.




