ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައަކު 15 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދ. އަތޮޅުގެ ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކަށް 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ދޮންބައްޕަ އަށް ދައުވާ ކުރުމުން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން 2018 ގައި ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެކަމަކު ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވާފައެވެ.
ދޮންބައްޕަގެ މައްޗަށް ދައުވާ ކޮއްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) އާ ހަވަލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނެވެ. ހައިކޯޓުގެ ހުކުމުގައި ބުނީ ކުޑަކުއްޖާ އާއި މެދު އޭނާގެ ދޮން ބައްޕަ ޖިންސީ އަމަލު ހިންގާފައިވާކަމަށް ބުނެ، އެވާހަކަ ކިޔައިދިން ގޮތުގެ މައްޗަށާއި، ކުއްޖާގެ މަންމަގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް އެ ކުއްޖާ
ވާހަކަ ކިޔައިދީ، އެ ހާދިސާ ތަފާތު މާހައުލުތަކުގައި ސިފަކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، ކުއްޖާގެ ވާހަކަތަކުގައި، އެ ވާހަކަތަކާ މެދު އެކަށީގެންވާ ޝައްކެތް އުފެދޭފަދަ ފުށުއެރުންތަކެއް ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ހުކުމްގައި ބުނެފައިވަނީ ކުއްޖާގެ މަންމަ އެމީހާގެ ހާޒިރުގައި ޝަރީއަތުގެ މަޖިލީހުގައި، ކުއްޖާއާމެދު ދޮންބައްޕަ އަމަލު ކުރަމުންދިޔަ ގޮތްކަމަށް މަންމައަށް ފެނިފައިވާ ޝައްކުކުރެވޭ ކަންތައްތަކުގެ ވާހަކަތައް ވަރަށް ސާފުކޮށް ބަޔާން ކޮށްދިނުމުން، އެއިން އެއްވެސް ކަމަކާއިބެހޭ ގޮތުން މަންމައާ އޭނާ ސުވާލެއް ކުރިމަތިކޮށް ރައްދެއްދީ ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.
އެވާހަކައަށް އޭނާ އިންކާރުކޮށްފައި ނުވާކަމަށްވާތީ، އެއީ ހަމަ ހަގީގަތުގައިވެސް ހިނގާފައިވާ ކަމެއްކަމަށް ބުރަވެވޭ ކަމަށްވެސް ބަޔާނުގައި ހުކުމްގައި ބުނެފައިވެއެވެ.