ސީޕީ ހަމީދު | ފޮޓޯ: މިހާރު

"ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކީ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން"

ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވެފައި މިވަނީ ފުލުހުންނަށް ހާއްސަކޮށްގެން ދޫނިދޫގައި އަޅާ އެކަމަޑޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުންކަމަށާއި އަދި އެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް މަސައްކަތްކުރުންކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވީ މިއަދު ބިންގާ އެޅިގެންދިޔަ އެ އިމާރާތަކީ ވަރަށް ބޭނުންތެރި އިމާރާތެއްކަމަށާއި އެއިމާރާތުގެ ސަބަބުން މުވައްޒަފުންގެ ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ތަރައްގީކުރުމަށާއި މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެެއްވިއެވެ.

ދޫނިދޫގައި އަލަށް އިމާރާތްކުރާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށާއި ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.

އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލައަށް އިމާރާތްކުރާ މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނެއެވެ.

މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރރ އިމްރާން ޢަބްދުﷲއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން އަދި ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ވަނީ ބައިވެރިވެލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ