ރިކޯޑް އަދަދަކަށް މިއަދު ވެކްސިން ދީފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި މިހާރު ފަށައިފައިވާ ވެކްސިން ދިނުމުގެ ކެމްޕެއިންގެ ތެރެއިން މިއަދު ރިކޯޑް އަދަދަކަށް ވެކްސިން ދީފިއެވެ.

މިގޮތުން މިއަދުވަނީ 11،474 މީހުންނަށް ވެކްސިން ދީފައެވެ. މިއީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު މި ވެކްސިން ކެމްޕެއިން ފެށިފަހުން މިހާ ގިނަ އަދަދަކަށް ވެކްސިންދިން ފުރަތަމަ ދުވަހެވެ.

މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 6،015 މީހުން، އަތޮޅުތެރޭ ރައްތަކުން 5،459 މީހުންނެވެ. މިހާ ގިނަ އަދަދެއްގެ މީހުންނަށް މިއަދު ވެކްސިން ދީފައި މިވަނީ މިހާރު ދެމުން އައްނަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭގައި ދޭނެ އެންމެފަހު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިއުލާނު ކޮށްފައި ވަނިކޮށެވެ.

އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ވެކްސިން ސެންޓަރުތައް ފެނިގެން ގޮސްފައިވަނީ ކާރޫބާރޫ ބޮޑު ތަނެއްގެ ގޮތުގައެވެ. މިގޮތުން ވެކްސިން ޖެހުމަށް ގިނަ އަދަދެއްގެ ބަޔަކު ބޮޑެތި ކިޔުތަކުގައި ވެކްސިން ސެންޓަރުތައް ކައިރީގައިވަނީ ވަގުތު ހޭދަކޮށްފައެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަންނަ ހޯމަ ދުވަހު މެދުކަނޑާލި ނަމަވެސް، ވަކި ސަބަބުތަކެއް މެދުވެރިވެގެން ވެކްސިން ނުޖެހި ތިބި މީހުންނަށް ވެކްސިން ދޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދުވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާތަނަށް 186،930 މީހުންނަށް ކޮވިޑު ވެކްސިން ދީފައި ވެއެވެ. އެއީ މާލެ ސަރަހައްދުން 105،836 މީހުން އަދި އަތޮޅުތެރޭ ރައްތަކުން 81،094 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ