ބިދޭސީއަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދީފައި އޮތް ވެކްސިން ކާޑެއް

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދޭން އަދި ޢާއްމުކޮށް ނުފަށާ: އެޗްޕީއޭ

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދޭން އަދި ޢާއްމުކޮށް ނުފަށާ ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެމުން އެޗްޕީއޭ އިން ވިދާޅުވީ، ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ދޭން އަދި ޢާއްމުކޮށް ނުފަށާކަމަށާއި، މިވަގުތު ދެވަނަ ޑޯޒް ޖަހައިދެމުން ދަނީ ޚާއްސަ ޙާލަތްތަކުގައި ކޮންމެހެން ދެވަނަ ޑޯޒް ޖަހަން ޖެހިފައިވާ މީހުންނަށްކަމަށެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ދެމުން ގެންދާ ޚާއްސަ ހާލަތްތަކުގެ ތެރޭގައި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ހާއްސަ ހާލަތަކީ، ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ޖަހަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެކްސިން ޖަހަން ރާއްޖެ ނާދެވޭފަދަ ޙާލަތެއް މެދުވެރިވާ މީހުންނެވެ.

މީގެ ތެރޭގައި ރާއްޖެއިން ބޭރަށްދާ ކިޔަވާކުދިންނާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންގެ ތެރެއިން ފުރަތަމަ ޑޯޒްއަށްފަހު ދެވަނަ ޑޯޒް ޖަހަންވާއިރަށް ނާދެވޭނެކަމަށް ބެލެވޭ މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

އެޗްޕީއޭ އިން އާމުންނަށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފަހުންނެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށައިފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިމީހުންގެ ޖުމްލަ އަދަދަކީ 214،486 އެވެ. މީގެތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން 121،630 މީހުންނާއި އަތޮޅުތެރޭ ރައްތަކުން 92،856 މީހުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ