އެންމެން ޔޫރޯ ބަލަން ތިއްބާ ހަނިމާދޫ ދަނޑުގެ މަސައްކަތް ނިންމާލައިފި

މިހާރު ކުޅެވެމުންދާ ފޯރިގަދަ ޔޫރޯ ފުޓް ބޯޅަ މުބާތް ބަލަން، އެ ފޯރީގައި އެންމެން ތިއްބާ ހދ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިކަމުގައި ސްޕޯޓްސް މިނިސްޓަރ މަޙްލޫފް އަހްމަދު ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ އެންމެން ފުޓުބޯޅަ ފޯރީގަ ޔޫރޯ ބަލަން ތިއްބާ ހދ. ހަނިމާދޫ ގަައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ގާއިމް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ފެންސް ޖެހުމުގެ މަސައްކަތް ކައުންސިލްއާއި ކުރިން ވާނީ ހަވާކުރެވިފައިކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގެ ރައްރަށުގައި ފުޓްސަލް ދަނޑުގެ ބަދަލުގައި ފުޓް ބޯޅަ ދަނޑުތައް ތަރައްޤީކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ ބައެއްރަށްތަކުގައި ރަނގަޅު ފެންވަރުގެ ޓާފް ދަނޑުތައް ޤާއިމްކޮށްފައެވެ. އަދި ބައެއްރަށްތަކުގެ ދަނޑުތަކުގެ މަސައްކަތް މިހާރުވެސް އެބަ ކުރިޔަށްދެއެވެ.

މީގެ އިތުރުން އެފްއޭއެމްއިން ވެސް ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖޭގެ 16 ރަށެއްގައި ޓާފް ދަނޑު އަޅަން ނިންމާ އެކަން ހާމަކުރައްވާފައެވެ.

އެގޮތުން އެފްއޭއެމް ރައީސް ބައްސާމް އޭރު ވިދާޅުވެފައި ވަނީ މި ދަނޑުތަކަކީ ސަރުކާރުން ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އަޅަމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ދަނޑުތަކެއްކަމަށެވެ. އަދި މި ދަނޑުތަކަކީ ފީފާ އެޕްރޫވްޑް ދަނޑުތަކެއްކަމަށާއި، ދަނޑުތަކުގެ މަސައްކަތް ނިމޭއިރު ވަށައިގެން ފެންސް ޖެހާ، ލައިޓް ހަރުކުރުމަށްވެސް ހަމަޖެހިފައިވާނެކަމުގައި ބައްސާމް ވިދާޅުވިއެވެ. ހަމައެހެންމެ މި ދަނޑުތަކުގައި އިލެކްޓްރޯނިކް ސްކޯ ބޯޑްވެސް ހުންނާނެކަމުގައި ބައްސާމް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ