ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއިލުން ގަވާއިދާއި ހިލާފަށް އާބާދުވާ އާބާދުވުމާ ދެކޮޅަށް އިހުތިޖާޖް ކުރުމަށް އެއްވި މީހުންނަށް އަމާޒުކޮށް އިސްރާއިލް ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކު މަރުވެއްޖެއެވެ.
ބަޑިން ދިން މި ހަމަލާ އަމާޒުވެ މަރުވެފައިވަނީ އުމުރުން 15 އަހަރުގެ މުހައްމަދު ހަމާޔިލް ނަމަކަށް ކިޔާ ފިރެހެން ކުއްޖެކެވެ.
ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ މި ކުއްޖާ މަރުވެފައިވަނީ އިސްރާއިލުން ދިން ބަޑީގެ ހަމަލާއެއް މޫނަށް އަމާޒުވެގެން ކަމަށެވެ. އަދި މި ހަމަނުޖެހުން ތަކުގައި އިތުރު 18 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
މާން ނިއުސް އެޖެންސީއިން ބުނެފައިވަނީ މިއަދު ހިނގި މި ހަމަނުޖެހުމުގައި ފަލަސްތީނުގެ ތިން މީހަކު އިސްރާއިލް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މީގެއިތުރުން މި ހަމަނުޖެހުންތައް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި އަލްޖަޒީރާގެ ނޫސްވެރިއަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އެސަރަހައްދުގައި އަނިޔާ ލިބިގެން 112 މީހަކަށް ފަރުވާދީފައިވާ ކަމަށެވެ. މީގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ.

އިސްރާއިލް ސިފައިން މި ހަމަނުޖެހުމާއި ގުޅިގެން ބުނެފައިވަނީ އެއްވެފައިވާ މީހުންގެ އަދަދު 500 އަށް އަރާނެ ކަމަށާއި އެއްވެފައިވާ މީހުން ޓައިރު އަންދައި އިސްރާއިލް ސިފައިންނާއި ދިމާލަށް ގާ އުކައިފައި ވާކަމަށެވެ. އަދި އިސްރާއިލް ސިފައިންގެ ހަމަލާއެއްގައި އެކަކު މަރުވެފައިވާކަން އިނގިފައިވާ ކަމަށާއި މިމައްސަލަ ބަލާނެ ކަމަށްވެސް އިސްރާއިލް ސިފައިން ބުނެފައި ވެއެވެ.
ބައިނަލް އަގްވާމީ ގާނޫނު ތަކާއި ގަވާއިދުތައް ބުނާގޮތުން ހުޅަނގު އައްސޭރި ބިންތަކުގައި އިސްރާއިލުން ވަޒަންވެރި ވުމަކީ މަނާކަމެކެވެ. ނަމަވެސް އިސްރާއިލުން ބައިނަލް އަގްވާމީ ގާނޫނުތަކަށް ގޮންޖަހާ އެގައުމުގެ ރައްޔިތުން އަންނަނީ ހުޅަނގު އައްސޭރީގައި އާބާދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.