2009 ވަނަ އަހަރު ނުކުތް ދުނިޔޭގެ ބްލޮކްބަސްޓާ ފިލްމް "އެވޭޓާ" ގެ ފުރަތަމަ ބަޔަށް ފަހު އެ ފިލްމްގެ ހަތަރު ސީކިއަލް އެއް ގެނެސްދޭނެކަން، ފިލްމް ޑައިރެކްޓަރު ޖޭމްސް ކެމެރޫން އިއުލާންކުރި ހިސާބުން ފެށިގެން މި ފިލްމްތަކަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. އެއާއެކު މި ހަތަރު ފިލްމް ރިލީޒްކުރާނެ ތާރީޙް ތައްވެސް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން ވަރަށް ފަހަކާ ޖެހެންދެންވެސް މި ހަތަރު ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތް ކުރެވެމުން ދިޔައިރު، ފިލްމްގެ މަސައްކަތް ހުއްޓާލާފައިވަނީ، ކޮވިޑް-19 ގެ ލޮކްޑައުން އާއެކުއެވެ. އެހެންނަމަވެސް، މި ފިލްމްގެ ތަރިން އަދި ފިލްމްގެ ޓީމުން އަންނަނީ، ފިލްމްގެ ގެ ބިހައިންޑް ދަ ސީންސް ފޮޓޯތައް ފޭނުންނާއި ހިއްސާކުރަމުންނެވެ.
ލޮކްޑައުންގެ ކުރިން "އެވޭޓާ" ދެވަނަ ބައިގެ ޝޫޓިންވެސް ފަށައިފައިވާއިރު، މި ފިލްމްގެ މަންޒަރުތަކެއްވެސް ދާދިފަހަކުން ވަނީ ދައްކާލައިފައެވެ. އެގޮތުން "އެވޭޓާ" ފުރަތަމަ ބައިން ފެނިގެން ދިޔަ ތިން ތަރިންކަމުގައިވާ، ޒޯއީ، ސޭމް އަދި ކްލިފް އާއެކު އެކްޓްރެސް ކޭޓް ވިންސްލެޓް އެކުގައި ފެނިގެންދާ މަންޒަރެއްގެ ފޮޓޯއެއްވެސް ވަނީ ދައްކާލައިފައެވެ. މިއީ ފިލްމްގައި ކަނޑު އަޑިން ފެނިގެންދާނެ މަންޒަރެއް ޓޭންކެއްގެ ތެރޭގައި ނަގަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.
މި ފޮޓޯ ޓްވީޓާގައި ހިއްސާކޮށްފައިވާއިރު، ފެނު އަޑީގެ މަންޒަރު ނެގުމަށް ބޭނުންކޮށްފައިވަނީ، އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ، 900000 ގެލޮން ފެން އަޅާފައި ޓޭންކެއް ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ފިލްމްގެ ޕްރޮޑިއުސަރު ހާމަކުރި ގޮތުގައި، "އެވޭޓާ" ގެ ދެވަނަ ބައިން ފެނިގެންދާ ކޭޓް ވިންސްލެޓް ފެނު އަޑީގެ މަންޒަރެއް ނެގުމަށްޓަކައި، ފެނު އަޑީގައި 7 މިނެޓް ހޭދަކުރަންޖެހުނެވެ.
"އެވޭޓާ"ގެ ދެވަނަ ބައިގައި ހިނގާ ކަންތައްތައް ނުވަތަ މަންޒަރުތައް ބޮޑަށް ފެނިގެންދާނީ އެވޭޓާގެ ދުނިޔެ ކަމުގައިވާ "ޕެންޑޯރާ" ގެ ކަނޑު އަޑިންނެވެ. އެއާއެކު ފިލްމްގެ ސަތޭކަ ޕަސެންޓް ވިޝުއަލް އިފެކްޓްސް ބޭނުންކުރަން ޖެހޭނެ މި ފިލްމްގެ ދެވަނަ ބައިގައި ކަނޑު އަޑީގެ މަންޒަރުތައް ރަނގަޅަށް ނެގުމަށް ގިނަ ވަގުތު ނަގާނެ ކަމަށް ޑައިރެކްޓަރު ކެމެރޫން ވަނީ ބުނެފައެވެ.
އެންމެ ފުރަތަމަ 2014 ގައި ރިލީޒްކުރުމަށް ހަމަޖެހުނު މި ފިލްމް، އަންނަ އަހަރުގެ 2021 ގައި ވެސް ރިލީޒްނުކުރެވޭނެކަމަށް ބެލެވެއެވެ. އަދި މި ކަމާއި ގުޅިގެން ޑައިރެކްޓަރު ކެމެރޫންވެސް ބުނީ، ފިލްމް އެޅުވުން ލަސްވަނީ، މި ފިލްމްގެ ގިނަ މަންޒަރުތަކަކީ، ކަނޑު އަޑީގައި ނަގަން ޖެހޭ މަންޒަރުތަކަށް ވުންކަމަށެވެ.
ދާދިފަހަކާއި ޖެހެންދެން ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްގެ ރިކޯޑުގައި "އެވޭޓާ" އޮތްއިރު، މި ރިކޯޑު މުގުރާލީ މިދިޔަ އަހަރު ނުކުތް "އެވެންޖާސް" އެންޑް ގޭމް" އެވެ.