ކޮވިޑް-19: ދެވަނައަށް އެންމެ ގިނަ ބަޔަކު ޕޮސިޓިވްވި ޤައުމަކަށް ރަޝިޔާ

ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ނުރައްކާތެރި ކޮވިޑް-19 އަށް ޕޮސިޓިވްވި ޤައުމަކަށް ރަޝިޔާ ވެއްޖެއެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވީ ޤައުމަކަށް ރަޝިޔާ ވެފައި މިވަނީ އެޤައުމުން ބައްޔަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 އަށް ރަޝިޔާ އިން މިހާތަނަށް 281,752 މީހުން ވަނީ ޕޮޒިޓިވުވެފައި އެވެ. އަދި އެގައުމުގައި މިބަލީގައި 2,631 މީހަކު ނިޔާވެފައި ވާއިރު، މިބަލީގައި 67,373 މީހަކުވަނީ ފަރުވާދެވި ރަނގަޅުވެފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ރަޝިޔާއިން އިތުރު 9,709 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އެޤައުމަކީ ދުނިޔޭގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި މި ބައްޔަށް މިހާރު އެންމެ ގިނަބަޔަކު ޕޮސިޓިވްވަމުންދާ ޤައުމުވެސް މެއެވެ.

މުޅި ދުނިޔެއިން 4.7 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 1,817,906 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2,602,059 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 2,557,220 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 44,839 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިމައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން 98 އިންސައްތަ މީހުންވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ ނިސްބަތަކީ 15 އިންސައްތައެވެ.

މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައި ވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާއިން މިބައްޔަށް 1,507,773 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި 90,113 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ