ރަށަށް ދާން ބޭނުންވާ 800 އަށް ވުރެ ގިނަ މީހުން ކަރަންޓީނަށް ފޮނުވައިފި

ރަށް ރަށަށް ދާން ބޭނުންވާ 800 އަށް ވުރެ ގިނަ މީހުން ކަރަންޓީނަށް ފޮނުވާފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެކި ބޭނުންތަކުގައި އައިސް އުޅެނިކޮށް މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ތާށިވި މީހުންގެ ތެރެއިން 830 މީހުން މިހާރު ކަރަންޓީނަށް ފޮނުވާފައިވާ ކަމަށާއި، އަންނަ އާދިއްތަ ދުވަހުގެ ކުރިން މަދުވެގެން 1،800 މީހުން ރަށަށް ފޮނުވުމަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ ކަމަށެވެ.

މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން ސަރުކާރުން ނިންމާފައި ވަނީ އެމީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމަށެވެ. އަދި އެކަމަށް ހަތް ރިސޯޓެއް ހަމަޖައްސާފައިވާއިރު، އެއީ، އައްޑޫ ހެރަތެރެ އާއި ދ. އިރުވެލި ރިސޯޓްގެ އިތުރުން ޅ. ފުށިފަރު ރިސޯޓާއި ރ. ފުރަވެރި ރިސޯޓާއި ހދ. ހޮނޑާފުއްޓާއި ފ. ފިލިތެޔޮ އަދި މ. މެދުފުއްޓެވެ.

14 ދުވަހު ކަރަންޓީން ހަމަކުރުމަށް ފަހު ކޮވިޑް-19 އަށް ކުރާ ޓެސްޓް ނެގެޓިވްވުމުން އެ މީހެއްގެ ރަށަށް ސަރުކާރުން އެ މީހަކު ފޮނުވައިދޭނެ އެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 1143 އަށް އަރާފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު ދިވެހިންގެ އަދަދު 414 އަށް އަރާފައިވާއިރު، ރާއްޖެއިން މި ބަލި ޖެހުނު ބަންގްލަދޭޝްގެ ރައްޔިތުންގެ އަދަދު އުޅެނީ 581 ގައެވެ. މީގެ އިތުރުން އިންޑިއާގެ 108 ރައްޔިތަކަށާއި، ނޭލާޕްގެ 15 މީހުން އަދި އިޓަލީގެ 11 މީހުންނަށްވެސް ރާއްޖެއިން މި ބަލި ޖެހިފައިވެއެވެ. މީގެ އިތުރުން އެހެނިހެން ޤައުމުތަކުގެ 14 މީހަކަށްވެސް ރާއްޖެއިން ކޮވިޑް-19 ޖެހުނުކަމަށް ރެކޯޑްތަކުން ދައްކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ