ޖިންސީ ގޯނާއާއި ގުޅޭ މައްސަލަތައް ތަފާތު ކުރުމެއްނެތި އެއް އުޞޫލަކުން ބަލައި ތަޙްޤީޤު ކުރަންޖެހޭ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޒީރޯ ޓޮލަރެންސް"ގެ ދަށުން ޖިންސީ ގޯނާއާ ގުޅޭ ހުރިހާ މައްސަލަތަކެއް ތަފާތުކުރުމެއްނެތި އެއް އުޞޫލަކުން ބަލައި ތަޙުޤީޤުކޮށް އިންޞާފު ހޯދައިދީ ޤާނޫނީ އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އަދި އަންހެނުންނާއި ކުޑަކުދީންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވެންޖެހޭކަމަށެވެ. މިއީ ދައުލަތާއި މުޅި ސޮސައިޓީގެ ވާޖިބެއްކަމުގައި ޝަޙީމް ވަނީ ވިދާޅުވެފައެވެ.
"ޒީރޯ ޓޮލަރެންސް"ގެ ދަށުން ޖިންސީ ގޯނާއާ ގުޅޭ ހުރިހާ މައްސަލަތަކެއް ތަފާތުކުރުމެއްނެތި އެއް އުޞޫލަކުން ބަލައި ތަޙުޤީޤުކޮށް އިންޞާފު ހޯދައިދީ ޤާނޫނީ އަވަސް ފިޔަވަޅު އަޅައި އަންހެނުންނާއި ކުޑަކުދީންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވެންޖެހޭ. މިއީ ދައުލަތާއި މުޅި ސޮސައިޓީގެ ވާޖިބެއް
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 9, 2020
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާތީ އެކަން ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރޭ އަންގަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މިނިސްޓަރ ކަމުން ޢަލީ ވަހީދު ވަކިކުރައްވާފައެވެ.
މިނޫނަސް ދާދި ފަހުން ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން ވެސް ގިންސީ ގޯނާގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތި ވަމުންނެވެ.