މިއީ މިނިވަންކަން ގެއްލުމުގެ އިޙްސާސް ކުރެވެމުންދާ ދަނޑިވަޅެއް: ހޯމް މިނިސްޓަރ

ދިވެހިންނަކީ އަޅުވެތިކަމަށް ރުހޭ ބައެއްނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޢާއްމުކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ. ވީޑިއޯ މެސެޖްގައި މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެން ދިވެހިންގެ ތާރީޚަށް ބަލާއިރު ގިނަ ޒަމާންތައް އަޅުގަނޑުމެން ހޭދަކޮށްފައިވަނީ މިނިވަންކަން މަތީގައިކަމަށެވެ. އަދި އިންސާނުންގެ އުފާފާގަތިކަމާއި، އަބުރުވެރިކަމާއި، ހިތްހަމަޖެހުން ބިނާވެފައިވަނީ މިނިވަންކަމުގެ އަގުހުރި ޖައުހަރުގެ މައްޗަށްކަމަށެވެ. މިނިވަންކަމަކީ އިންސާނުންނަށް މާތްﷲ ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެއްކަމަށާއި، މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަންކުރެވެނީ މިނިވަންކަން ގެއްލިގެންދިއުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުގެ ހާލަތަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވެފައިވަނީ މިއަހަރުގެ މިނިވަންދުވަސް އަޅުގަނޑުމެންނާ ބައްދަލުމިކުރީ ގޭބަންދާއި، ރަށުބަންދާއި، ތަފާތު އެކިއެކި ބަންދުތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުޞާސް ކުރެވެމުންދާ ދަނޑިވަޅެއްގައިމަށެވެ. މިފަދަ ހާލަތްތަކުގައި އިޤްޠިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިމަތިވާ ބޮޑަތި ދަތިތައްވެސް އަޅުގަނޑުމެން މިއަދު ތަހައްމަލުކުރަމުންކަންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ އަޅުވެތިކަމާ ދެކޮޅަށް ކާބަފައިން ކުރައްވާފައިވާ އަގުހުރި ޖިހާދުގެ މަތިން ހަނދުމަކޮށް ކޯވިޑް-19 ގެ ދަތިހާލަތުން އަރައިގަތުމަށް ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދާއެކު ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް" މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާން ވަނީ ފޮނުއްވާފައެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ