ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޚިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުން ލާޒިމްކޮށްފި އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުޞޫލުތައް އާންމުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން އާންމު ކޮށް ގެޒެޓް ކޮށްފައިވާ ޤަވާއިދުގައި ބުނެފައި ވަނީ ވަޒީފާ ދޭ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފާފައިވާ ތަންތަނާއި، ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތައް މި ޤަވާއިދަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދުގެ ޖަދުވަލު 6 ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަނުގައި ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖައްސަދޭ ފަރާތްތައްވެސް މި ޤަވައިދަށް އަމަލު ކުރަން ނުޖެހޭނެ ކަމުގައި ވަނީ ބުނެފައެވެ.
އެހެންކަމުން މި ނޫންގޮތްގޮތަށް ބިދޭސީ މުވައްޒަފުންނަށް ވިޔަފާރީގެ އުސޫލުން އެކަމަޑޭޝަން ޚިދުމަތް ދޭ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ބިދޭސީންގެ އެކަމަޑޭޝަން ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުން ލާޒިމްވާ ވާނެ ކަމުގައި މި ގަވާއިދުގައި ވަނީ ބުނެފައެވެ.