އިންޑިއާއިން އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް އިންޑިއާއިން ދިވެހިރާއްޖެއަށް އަނެއްކާވެސް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރެވެ. އަދި ރާއްޖެއިން ވެކްސިނާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެގައި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މިހާތަނަށް 64،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ.

ކޮވިޑް-19 އިން ދިފާޢުވުމަށްދޭ ވެކްސިން ރާއްޖެއަށް އެންމެ ފުރަތަމަ ފޯރުކޮށްދިން ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ފުރަތަމަ 100000 ޑޯޒްގެ ޝިޕްމަންޓް ރާއްޖެއަށް ގެނައީ މިދިޔަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.

މި ވެކްސިން ރާއްޖޭގައި ބޭނުންކުރަން ފެށީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމުންނެވެ. މިފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ވަނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފަ އެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށިތާ 20 ދުވަސް ފާއިތުވެފައިވާއިރު މިހާތަނަށް 64،000 އަށްވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިން ޖަހައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި ދިވެހިންގެ އިތުރަށް ބިދޭސީންނަށްވެސް ވެކްސިން ދިނުމަށްވަނީ ފަށާފައެވެ. މިހާތަނަށް ރާއްޖޭގެ މުޅި އާބާދީގެ %12 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ