ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމް ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވީ އައިޖީއެމް ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނު ރޫމުގައި ކަމަށެވެ.
"އައިޖީއެމް ހޮސްޕިޓަލްގެ ބާ އިމާރާތުގެ އިންޖީން ރޫމުގައި ހުރި ބެޓެރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓް ލިބިފައިވަނީ ހެނދުނު 10:07 ގައި. ފަޔތަރ ޓީމުގެ މަސައްކަތުން 10:21 ވަނީ އަލިފާންގަނޑު ނިއްވާލާފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
#HoonuKhabaru: IGMH gai alifaanuge haadhisaa eh hingai, balimeehun nereny! pic.twitter.com/zx5zDlv5HR
— #MvCrisis ?? (@MvCrisis) June 14, 2019
އަލިފާނުގެ ހާދިސާގެ ސަބަބުން ހޮސްޕިޓަލުގައި ދުން ބޯވެ ބައެއް ބަލިމީހުންވެސް ހޮސްޕިޓަލުން ނެރުނު ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ، އައިޖީއެމް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ހޮސްޕިޓަލުގެ ރެޑް ޒޯނު ސަރަހައްދުގައި ތިބި މީހުން އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ ހޮސްޕިޓަލުން ދުން ބޭރުކުރުން ކަމަށެވެ.

މި ހާދިސާގައި ހޮސްޕިޓަލުގެ އިމާރާތަށް ގެއްލުމެއް ނުލިބޭކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލް އާއްމު ހާލަތަކަށް ގެނައުމަށް ސަލާމަތީ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.




