މިވަގުތު މީޑިއާތަކުގެ ސުރުހޫތަކަށް އެންމެ ގިނައިން އަރަމުންދަނީ ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޤުބޫލު ޖޯޑުކަމުގައިވާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް(މުއާ) ގެ ވާހަކައެވެ. މި ދެމަފިރިން އަންނަނީ މުއާގެ އުފަން ރަށް ނ. ވެލިދޫގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެއާއެކު މި ދެމަފިރިންގެ މީސްމީޑިއާގައި ދަތުރުގެ މުހިއްމު ވަގުތުތަކުގެ ފޮޓޯތައް ހިއްސާކުރަމުން އަންނައިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ދެމީހުންނަށް ހުއްޓިފައެވެ.
ހާއްސަކޮށް ވެލިދޫގައި މިދެމަފިރިން ފެނިގެންދަނީ ވަރަށް ގެވެހި އަދި އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަތަނެވެ. އެގޮތުން މީގެ ތިން ދުވަސްކުރިން މުއާ ހިއްސާކުރީ އޭނަ މަސްކަނޑަން އިން ފޮޓޯއެކެވެ.
މުއާގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރި މި ފޮޓޯގެ ކެޕްޝަންގައި، "ދިރިއުޅުމެއްގައި ކޮންމެހެން ކުރަންޖެހޭ ނިކަން ގިނަގުނަ ކަންކަން ބައްޕަ ދަސްކޮށްދިން" ކަމަށް ބުންޏެވެ. މިހެން ލިޔެ، މުއާ މަސްކަނޑަން އިން ފޮޓޯއެއް ހިއްސާކުރިއިރު، މި ފޮޓޯއިން މުއާގެ ފަހަތުގައި ޖޯއްޔެގައި އިށީނދެލައިގެން ހުރެ މުއާ މަސްކަނޑާ ތަނަށް ބަލަހައްޓައިގެން އޮތް މީހަކީ އޭނަގެ ބައްޕަ ކަމަށް ބެލެވެއެވެ. އަދި މި ފޮޓޯ އަށް އައްޒަ ކޮމެންޓްކޮށް ބުނީ، މި ފޮޓޯއިން ހުރިހާ އެއްޗެއްވެސް ބުނެދޭ ކަމަށެވެ.

އޭގެ އެއްދުވަސްފަހުން އައްޒަވެސް ވަނީ މަސްކަނޑަން އިން ފޮޓޯއެއް އޭނަގެ މީސްމީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ. އަދި މި ފޮޓޯ ހިއްސާކުރުމަށްފަހު އައްޒަ ބުނީ، "ހަގީގީ ދިރިއުޅުމެއްގެ އަސްލު މާނަ" އަކީ މިއީ ކަމަށެވެ. އައްޒަ މިހެން ލިޔެ ފޮޓޯ ހިއްސާކުރުމުން ބައެއް މީހުން ފާޑުކިޔާ މަލާމަތްވެސް ކުރިއެވެ.
ނަމަވެސް އައްޒަގެ ލޯބިވާ ފިރިމީހާ މި ފޮޓޯއަށް ރައްދުދެމުން ބުނީ، "ކެރުންތެރިކަމަކީ ނިޢުމަތެއް. ކަމަނާތީ ނިކަން ފިސާރި ކަނބަލެއް"، މިހެންނެވެ.

މި ދެމީހުންގެ ދިރިއުޅުމަށް ޖޯކު ޖަހާ މަލާމާތް ކުރާ ބަޔަކު އުޅުނު ކަމުގައިވިޔަސް، މިއީ މިވަގުތު ދިވެހި ފިލްމީ އިންޑަސްޓްރީގައި ހުރި އެންމެ މަޤުބޫލު އަދި ލޯބި ޖޯޑުކަން ގިނަ ބަޔަކު ޤަބޫލުކުރާނެއެވެ.
އައްޒަ އާއި މުއާ ވެލިދޫގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ، އައްޒަގެ ދަރިފުޅު އީތަން އަދި މުއާގެ ދަރިފުޅު ރޫބީއާވެސް އެކުއެވެ.



