އައްޑޫސިޓީ ފޭދޫގެ 2 މިސްކިތަކަށް ބަޔަކު ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކަނޑާލައިފި އެވެ.
މި އަމަލު ހިންގައިފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ.
ފޭދޫ ކައުންސިލުން ބުނީ، މިއަދު ފަތިހުގެ ވަގުތެއްގައި ފޭދޫގެ މަސްޖިދުލް އަމާނި އާއި މަސްޖިދުލް ނަޞްރި އަށް ބަޔަކު ވަދެ، އެތަނަށް ގެއްލުންދީ، މިސްކިތް ތެރެއަށް ބޮޑުކަމުވެސް ގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް އައްޑޫ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މިސްކިތް ތެރެއަށް ބޮޑުކަމު ގޮސްފައި ހުރީ މިސްކިތުގެ ގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނުގައެވެ. އަދި ބޮޑުކަމު ދިޔުމަށްފަހު، ނަޖިސް މަތީގައި އޮތީ މުސައްލަ އަޅައިފައެވެ.
މިސްކިތްތައް ނަޖިސްކުރުމާއި މިސްކިތުގެ ހުރުމަތް ކެނޑޭ މިފަދަ އެތައް އަމަލެއް ރާއްޖޭގައި މިފަހަކުން ވަނީ އާއްމުކަމަކަށް ވެފައެވެ. އެގޮތުން ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށް ކުޑަކަމުގޮސް، މިސްކިތަކަށް ވަދެ ހަތިމަކަށް މީހަކު ކުޅު ޖެހި މައްސަލައެއްވެސް މިފަހަކުން ވަނީ ފެންމަތިވެފައެވެ. މި އަމަލު ތަކުރާރުކޮށް ހިންގައިފައި ވަނީ ހުކުރު މިސްކިތަށާއި، އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔުމުން، ފުލުހުން ހައްޔަރުކުރުމަށްފަހު ދޫކޮށްލި މ. ޝޭޑީހޯމް، ހަސަން ޒިޔާދު އެވެ.
އޭނާ ދޫކޮށްލައިފައި ވަނިކޮށް ހަތިމަށް ކުޅު ޖެހި މައްސަލައިގައި ފަހުން ހައްޔަރުކޮށ،ް މިހާރު ވަނީ ޖަލަށް ލައިފައެވެ.




