ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލް ނުވަތަ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑް ރާއްޖޭން މި އަހަރުވެސް ހޯދައިފި އެވެ.
ރާއްޖެއިން މި އެވޯޑު ހާސިލުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2021ގެ ހަފްލާގަ އެވެ. މިއީ 'ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން' އެވޯޑު ރާއްޖޭން ޖެހިޖެހިގެން ކާމިޔާބުކުރި ދެ ވަނަ އަހަރެވެ.
ރާއްޖެއިން ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހާސިލްކޮށްފައިވަނީ 18 މަންޒިލަކާ ވާދަކޮށްގެނެވެ. މީގެތެރޭގައި ދުބާއީ، ސްޕެއިން، ވިއެޓްނާމް، ޔޫއެސްއޭ އަދި ގްރީސް ހިމެނެ އެވެ.
1993 އިން ފެށިގެން ދޭ ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. ގިނަ ބަޔަކު ސިފަކުރާގޮތުގައި މިއީ ޓުއުރިޒަމް ދާއިރާގެ "އޮސްކާ" އެވޯޑެވެ.
2020 ވަނަ އަހަރުވެސް އަދި މިއަހަރުވެސް ރާއްޖެއަށް މި އެވޯޑު ލިބުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ އިންޑަސްޓްރީގެ ބައިވެރިންނަށާއި، ރާއްޖެއަށް އިތުބާރުކޮށް ދަތުރުކުރި ޓޫރިސްޓުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ކޮވިޑްގެ ލޮކްޑައުނަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހުން ރާއްޖޭގެ ބޯޑަރު ޓުއުރިސްޓުންނަށް ހުޅުވާލި އިރު، ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.




