ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރި އޮސްޓްރޭލިއާގެ ބޯޑަރު ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށާއި، ވިސާ އޮތް މީހުންނަށް ހުޅުވާލަން ނިންމައިފައިވާކަން އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ. އޮސްޓްރޭލިއާގެ ބޯޑަރު މި ހުޅުވާލަނީ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ.
މިކަން އިއުލާންކުރައްވާ އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރު ސްކޮޓް މޮރިސަން ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ އެންމެންނަށް އެ ގައުމުން މަރުހަބާ ކިޔާނެ ކަމަށެވެ. ބޯޑަރު އަލުން ހުޅުވާލަން ނިންމައިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
ކޮވިޑް ޕެންޑެމިކްގެ ތެރޭގައި ގިނަ ގައުމުތަކަކުން ބޯޑަރު ބަންދުކުރިއިރު، އޮސްޓްރޭލިއާއަކީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ގައުމެވެ. އޮސްޓްރޭލިއާ ސަރުކާރުން އެގައުމުގެ ބޯޑަރު ބަންދުކުރީ މިދިޔަ 2020 ވަނަ އަހަރުގެ މާޗު މަހު އެވެ. އެއާއެކު ކޮވިޑް ކޮންޓްރޯލުކުރުމަށް އެގައުމުން ބޭރުމީހުން އެތެރެވުން މަނާކުރި އެވެ.
ނަމަވެސް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާ ސަރުކާރުން ވަނީ ބޭރުގެ ބައެއް ދަރިވަރުންނަށާއި މަސައްކަތްތެރިންނަށް އެ ގައުމަށް އެތެރެވާން ހުއްދަ ދީފައެވެ.
މިއަދު އޮސްޓްރޭލިއާގެ ބޮޑުވަޒީރު މޮރިސަން ވިދާޅުވީ، އެގައުމަށް އެތެރެވުމަށް ވެކްސިންގެ ދެ ޑޯޒުފުރިހަމަކޮށްފައި އޮތުން މަޖުބޫރުވާއިރު، އެކަމުގެ ހެކި ދައްކަން ޖެހޭނެ ކަމަށެވެ. އަދި ސިއްހީ ސަބަބަކާ ހެދި ވެކްސިން ނުޖަހާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން އެކަމުގެ ހުއްދަ ހޯދާ، އެތެރެވުމަށްފަހު ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.