ހައްޤު ގޮތުގައި ކަން ކުރުމަކީ އެއްގޮތަކަށްވެސް އަނިޔާވެރިވުން ނޫން ކަމުގައި ޤައުމުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓް ތަފާތެވެ.
"ހައްޤު ގޮތުގައި ކުރަންޖެހޭ ކަމެއް ކޮށް، އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮންފަދައަކުން ހެއްޔެވެ؟" ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމާއި ގުޅުވައިގެން، މި ޓްވީޓް ފިޔަވައި އިތުރު އެއްވެސް ބަސްފުޅެއް ހޯމް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވަނީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މިއަދު ބޭއްވި އެންމެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމްއެވެ.
Hahqu gothugai kuranjehey kamehkoh alhanjehey fiyavalheh elhumakee aniyaaveri vumey buneveynee konfadha'akun hehyeve.
— Imran Abdulla (@ShimranAb) February 18, 2019
ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަމަށް ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. ހަމައެއާއެކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހެޅި އެސްޓީއާރްއާ ގުޅިގެން ވެސް ރައީސް ޔާމީން ނުފޫޒު ފޯރުވައި އެ މައްސަލަ ހުއްޓުވަން މަސައްކަތް ކުރެއްވިކަން އެނގޭނެ ސިއްރު ލިޔުމެއްވެސް ދައުލަތުން މިއަދު ޝަރީއަތަށް ހުށަހެޅުއްވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ގިނަ ލީޑަރުން މާފުށީ ޖަލުގައި ދުވަސްތައް ހޭދަކުރެއްވިއިރު، އަދުގެ ހޯމް މިނިސްޓަރަކީވެސް އެ ޖަލުގައި ދުވަސްތައް ގުނުއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.




