ޢަދުލުވެެރިކަމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ބާރުވެރިކަން ކަށަވަރުކޮށްދޭ ދަލީލެއް ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި ވިދާޅުވެފައިވަނީ، ޢަދުލުވެރިކަމަކީ ހަމަޖެހުމާއި ބާރުވެރިކަން ކަށަވަރުކޮށްދޭ ދަލީލެއްގެ އިތުރުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް އޮތް މަގެއް ކަމަށެވެ.
ޢަދުލުވެރިކަމަކީ އިންސާނުންގެ ކަރާމާތްތެރިކަން ދެމެހެއްޓުމުގެ އަސާސްތަކުގެ ތެރެއިންވާ ކަމެއް ކަމަށާއި، އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ޢަދުލުވެރިވާންޖެހޭ ކަމަށް އަދި ދުނިޔެވީ ރިސާލަތްތައް ބާވައިލެއްވެވީވެސް މީސްތަކުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމުކުރުމަށް ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.
"ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު ފޮތާއި ޢަދުލު އިންސާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައެވެ." މާތް ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ޢަދުލުވެރިވުމަކީ ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ ޙައްޤު އެއްވެސް ތަފާތުކުރުމެއް ނެތި ލިބިދިނުން ކަމަށާއި، ޢަދުލުވެރިކަން ޤާއިމުކޮށް އިންސާފު ކަށަވަރުކުރުމަކީ ވެރިންނާއި، ރައްޔިތުން ބައިވެރިވެގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
"އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ދެމިތިބޭ (ޢަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކުކަމުގައި ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަސްފުގެ މައްޗަށް ކަމުގައިވިޔަސްމެއެވެ. އެމީހަކީ މުއްސަންޖަކު ކަމުގައި ނުވަތަ ފަޤީރަކު ކަމުގައި ވިޔަސް ފަހެ އެދެމީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިކަން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ!" މާތް ﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ ޢަދުލު އިންސާފު ޤާއިމުކޮށް ކަށަވަރު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާތަކެއް ވާނެ ކަމަށެވެ. މީގެ އިތުރުން މުޖުތަމަޢުގެ ކަންކަމާ ހަވާލުވެގެން ތިބޭ ފަރާތްތަކުން އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން މެނުވީ ޢަދުލު އިންޞާފު ޤާއިމު ނުކުރެވޭނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.