ރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި 46 އަހަރުގެ އައިމިނަތު ޝައުނާ ވަޅުލައިފިއެވެ.
ޝައުނާގެ ކަށުނަމާދު އޮތީ، މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. އޭނާގެ ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ޝައުނާއަކީ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ނިޔާވި ހަމައެކަނި މީހާއެވެ.
މިހާދިސާގައި މުޅި ސަރަހައްދަށް އަލިފާންގަނޑު ފެތުރުނުއިރު ޝައުނާ ހުރީ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައެވެ. އަލިފާން ގަނޑު ރޯވުމާއެކު ކައިރި އިމާރާތްތަކުގައި ދިރިއުޅޭ މީހުންތައް ވަނީ އިމާރާތުން ނެރެ ސަލާމަތް ކޮށްފައެވެ. އަދި ބައެއް މީހުން ވަނީ އަމިއްލައަށް އިމާރާތުން ނުކުމެ ސަލާމްވެފައެވެ.
ނަވަމެސް ޝައުނާ ވަނީ އެ ބޮޑު އަލިފާންގަނޑުގެ ތެރޭއިން ސަލާމަތް ނުވެވި އެ ހާދިސާގައި މި ދުނިޔެއާއި ވަކިވެފައެވެ. މި ހާދިސާ ހިނގިވަގުތު ޝައުނާ ވަނީ އޭނަގެ ބޭބެއަށްވެސް ފޯނުން ގުޅައި ސަލާމަތް ނުވެވި ތާށިވެފައިވާ ކަމުގެ ޚަބަރު ދީފައެވެ. ނަމަވެސް އަލިފާންގަނޑުގެ ބޮޑު ކަމުން ޝައުނާ ސަލާމަތްކުރެވޭނެ މަގެއްވަނީ ނުފެނުނެވެ.
ޝައުނާގެ ހަށިގަނޑު ފެނިފައިވަނީ އެ އިމާރާތްތެރެއިންނެވެ. ހަށިގަނޑު ފެނުނުއިރު ވަނީ ވަރަށް ބޮޑަށް ފިހި ކާކުކަންވެސް ވަކިކުރަން ނޭނގޭވަރުވެފައެވެ.
ޝައުނާ އަކީ ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ރޮނގުން ޑީގްރީ ހާސިލް ކޮށްފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ ގުރުއާން ޓީޗަރެކެވެ. އޭގެ އިތުރުންވެސް ޝައުނާ ގެންދިޔައީ ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދެމުންނެވެ.
ޝައުނާގެ ކުއްލި ވަކިވެދިއުމާއި ގުޅިގެން މުޅި ޤައުމުވެސް އަންނަނީ ހިތާމަ ކުރަމުންނެވެ. ވަކިވެގެން ދިޔައީ ޚިދުމަތްތެރި ހިތްހެޔޮ، އަޚްލާގު ރަނގަޅު ޤުއުއާން މުދައްރިސެކެވެ.
ޝައުނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ.
								
											


														
														
														
														
														
														