ފަސް ބައުޒަރު ބޭނުންނުކުރެވޭ ވަރަށް އަނދާފައި، އަޑިއަށްދިޔަ ލޯންޗު ނަގައިފި

އިއްޔެ ހަވީރު ޓީ ޖެޓީކައިރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅޭ ތަފްޞީލް ފުލުހުން ހާމަކޮށްފިއެވެ.

ޓީ ޖެޓީކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 15:40 ކަންހާއިރު އެވެ. މި މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މި އަލިފާން ފުރަތަމަ ރޯވެފައިވަނީ "ނެވި 3" ލޯންޗްގައެވެ. އަދި އެލޯންޗްގައި އެވަގުތު ތިބި 4 ދިވެއްސަކަށް ވަނީ އަނިޔާ ލިބިފައެވެ. އޭގެ ތެރެއިން 2 މީހުން ވަނީ %50 ފިހިފައެވެ. އަދި އެ ލޯންޗްކައިރީ އޮތް މުދާއުފުލާ ދޯންޏެއްގައި ތިބި 2 ބިދޭސީއަކަށްވެސް މި ހާދިސާގައި ވަނީ އަނިޔާ ލިބިފައެވެ. މީގެ ތެރެއިން އެކަކު ކުޑަކޮށް ފިހިފައިވާއިރު، އަނެއް މީހާއަށް ދުމުގެ އަސަރުކޮށްގެން ވަނީ ހިސްޕިޓަލަށް ގެންގޮސްފައެވެ.

މީގެ އިތުރުންވެސް އެތާ ކައިރީ އޮތް ތެޔޮބޯޓެއްގައި ހުރި މީހަކު ވަނީ ފިހިފައެވެ. އަދި އެތާކައިރީ އޮތް އެހެން ލޯންޗެއްގެ މީހަކު އެހީވާން އުޅުމުގެ ތެރޭގައި ދުމުގެ އަސަރުވަނީ ކޮށްފައެވެ. އަދި ތެޔޮ ބައުޒަރުތައް ދުރައްޖައްސަން އުޅުނު މީހެއްގެ އަތްވެސް ވަނީ ފިހިފައެވެ. މިހާދިސާގައި ޖުމްލަ 9 މީހަކަށް އައިޖީއެމްއެޗް އަށްގެންގޮސް ވަނީ ފަރުވާ ދެވިފައެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ އިއްޔެ ހަވީރު 17:05 ހާކަންހާއިރުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަލިފާނުގެ ސަބަބުން 10 ތެޔޮބައުޒަރަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. މީގެ ތެރެއިން 5 ތެޔޮ ބައުޒަރުވަނީ ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައެވެ. އަދި މީގެ އިތުރުން "ނެވި 3: ލޯންޗްވެސް ވަނީ ބޭނުން ނުކުރެވޭވަށް އަނދާ ލޯންޗް އަޑިއަށް ގޮސްފައެވެ. މިއަދު 14:15 ގައި ފުލުހުން ވަނީ އެ ލޯންޗް ފަޅުތެރެއިން ނަގާފައެވެ.

މި މައްސަލާގައި އިތުރަށް ސާފުކޮށް ޔަގީންކުރަންޖެހޭ ކަންތައްތައް ޔަގީންކޮށް މައްސަލައި ތަޙްގީގު ކުރިޔަށް ގެންދާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ