"އެއީ ބަސްނާހާ އުޅޭ ކުދިން އުޅޭ ގޮތް." ބަހުގައި އަހަރެންގެ ފަހަތު ސީޓުގައި އިން އަންހެންމީހާ އޭނާގެ ދަރިފުޅާ މުޚާޠަބުކޮށް ބުނެލި އަޑު އިވުނެވެ. އޭނާ އެ ބުނީ އަހަރެން މަސަލަސް ކުރަން މަސައްކަތްކުރަމުންދިޔަ އަހަރެންގެ 5 އަހަރުގެ ދަރިފުޅު ރަޔާންގެ ވާހަކައެވެ. އެއީ އަހަންނަށް އައު އަޑެއް ނޫނެވެ. އަހަރެންގެ ދަރިފުޅަކީ ބައެއް ފަހަރު މަސަލަސްކުރަން އުނދަގޫ ކުއްޖެކެވެ. އޭނާ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ މީހުން ކިތަންމެ ގިނަޔަސް ހަޅޭލަވާ، އަހަރެން ގައިގައި ތަޅާ، އެއްޗެހި އުކާ ހަދަން ފަށާފާނެއެވެ. މާ އަޑު ގަދަވެއްޖެނަމަ ދެ ކަންފަތުގައި އަތްއަޅާ ރޯން ފަށާފާނެއެވެ. ނޫނީ ހުރި ތަނެއްގައި އިށީނދެ ނޫނީ އޮށޯވެ ބޮޑާހާކަން ފަށާފާނެއެވެ. އަހަރެންގެ ދަރިފުޅަކީ އެ ޢުމުރުގެ އެހެން ކުދިންނާ އަޅާބަލާއިރު ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ ކުއްޖެކެވެ.
ދިވެއްސަށްވުރެ އޭނާއަށް ފަސޭހައީ އިނގިރޭސި ބަހެވެ. ވާހަކަދައްކަން އުނދަގޫވާތީ މުޢާމަލާތުކުރަން އެންމެ ފަސޭހަ ގޮތެއްކަމުގައި ރަޔާން ޚިޔާރުކުރީ ކުރެހުމެވެ. ކުރެހުމުން އޭނާގެ ހިތުގެ ޝުޢޫރުތައް އަހަރެމެންނަށް އަންގައެވެ. އެއީ އަހަރެންގެ ދަރިފުޅު ބަސްނާހާތީ އުޅޭ ގޮތެއް ނޫނެވެ. އަދި ނުކުޅެދުންތެރިކަމެއް ހުރެގެން އުޅޭ ގޮތެއްވެސް ނޫނެވެ. އަހަރެންގެ ދަރިފުޅަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އަދި އޭ.ޑީ.އެޗް.ޑީ ހުންނަ ކުއްޖެކެވެ.
ރަޔާން މީހުންގެ ލޮލަށް ސީދާ ނުބަލާކަން އަހަންނަށް ފާހަގަވީ އޭނާގެ ޢުމުރުން ދެ އަހަރުގައެވެ. އޭރު އަހަރެން އުޅުނީ ރަށު ސްކޫލްގައި ޕްރައިމަރީ ޓީޗަރަކަށެވެ. އަހަރެންގެ ފިރިމީހާ ވަޒީފާ އަދާކުރަމުން ދިޔައީ ރަށާ ކައިރި ރިސޯޓެއްގައެވެ. އޭރުވެސް ރަޔާންގެ ޢުމުރުގެ ކުދިންނާ އަޅާބަލާއިރު ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަކަމާއި އުޅުމުގައި ތަފާތުކަމެއް ހުންނަކަން އަހަންނަށް ފާހަގަކުރެވުނެވެ. މިކަންކަން ބޮޑަށް ފާހަގަކުރެވެން ފެށުމުން އެފަހަރު ލިބުނު ޗުއްޓީގައި އަހަރެން މާލެ އައިސް ދަރިފުޅު ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކީމެވެ. ޑޮކްޓަރު ބެއްލެވުމަށްފަހު އޯޓިޒަމްގެ ނިޝާންތައް ފެންނަކަމަށްބުނެ އެކަމަށް ޚާއްޞަ ފަރާތަކަށް ދަރިފުޅު ދެއްކުމަށް އެދުނެވެ. އޯޓިޒަމްއަށް ޚާއްޞަ ކްލިނިކަކަށް ދެއްކުމަށްފަހު ޓެސްޓްތަކުގެ ރިޕޯޓްތައް ލިބުނު ދުވަސް އެއީ އަހަރެންގެ ޙަޔާތް އެފުށް މިފުށަށް ޖެހުނު ދުވަހެވެ. އެހާ ގިނައިން ރުއި ދުވަހެއް އަހަރެންގެ ހަނދާނުގައިވެސް ނެތެވެ. ނަމަވެސް އެއީ ކުޑަ ހިނދުކޮޅަކަށެވެ. ރޮއިގެން ވާންނެތްކަން އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. ދުނިޔޭގެ ދިރިއުޅުމަކީ އިމްތިޙާނެކެވެ. އަހަރެން ފިނޑިވެގެން އަހަރެންގެ ދަރިފުޅަށް ވާނެ އެއްވެސް ފައިދާއެއް ނެތްކަން ދެނެގަތީމެވެ. އެހެންކަމުން އައު ހިތްވަރަކާއެކު އެކަމާ ކުރިމަތިލުމަށް އަހަރެން އަތުކުރި އޮޅާލީމެވެ. އެގޮތުން ފުރަތަމަ، އަހަރެން އޯޓިޒަމް އަދި އޭ.ޑީ.އެޗް.ޑީއާ ބެހޭގޮތުން މަޢުލޫމާތު އެއްކުރަން ފެށީމެވެ. ޓީޗަރަކަށްވުމާއެކު އަހަރެންނަށް ކުރިންވެސް ހުރީ އެކަމާގުޅޭ ބައެއް މަޢުލޫމާތު ލިބިފައެވެ. ނަމަވެސް އަހަރެން އެވަރަކުން ފުއްދައެއް ނުލަމެވެ.
އޯޓިޒަމް އަދި އޭ.ޑީ.އެޗް.ޑީ ކުދިންނަށް ކަންކަމުގައި ގިނަ ވަގުތު މަސްޢޫލުވެގެން އުޅުމަށާއި، މީހުންގެ ތެރޭގައި އުޅުމުގަޔާއި އަދި ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުރެއެވެ. އެހެންކަމުން އެހެންކުދިންނަށްވުރެ ބޮޑަށް އެކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެއެވެ. އަދި ސްޕީޗް ތެރަޕީއާއި ބިހޭވިއާ ތެރަޕީ ދީގެން އެކުދިންގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރެވެއެވެ. ރަށުގައި މިކަންކަން ފަހިވެފައި ނެތުމުން، ދިރިއުޅުން މާލެއަށް ބަދަލުކުރުމަށް އަހަރެމެން ނިންމީމެވެ. ކުރިން އަހަރެން ވަޒީފާއަށް ދިޔައިރު ދަރިފުޅު ބަލައިދިނީ އަހަރެންގެ މަންމައެވެ. ނަމަވެސް މާލެ ބަދަލުވާކަށް މަންމަ ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތެއްވިޔަސް ވަޒީފާއަށްވުރެ އަހަންނަށް މުހިންމީ އަހަރެންގެ ދަރިފުޅެވެ.
އަހަރެންނަކީވެސް ދިރިއުޅުމަށް ފޮނި ހުވަފެންތަކެއް ދެކެމުންއައި މީހަކީމެވެ. ކުޑައިރުއްސުރެ ކުދިންނަށް އުނގަންނައިދިނުމުގެ ޝައުޤު އުފެދިފައި ހުރުމުން ޕްރައިމަރީ ޓީޗިންގއިން ޑިގްރީ ޙާޞިލުކޮށް ރަށުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަންފެށީ، ފަހުން މާސްޓާރސް ހެދުމުގެ ފޮނި އުންމީދުކުރަމުންނެވެ. ނަމަވެސް އަހަރެންގެ ދަރިފުޅުގެ ޙާލަތު އެނގުނު ހިސާބުން އަހަރެންގެ ހުވަފެންތައް ދަރިފުޅާ ގުޅުވާލީމެވެ. ހުޅުމާލޭގައި އޯޓިޒަމް ސެންޓަރެއް ހުރުމާއެކު އަހަރެމެން ކޮޓަރިއެއް ހޯދީ ހުޅުމާލެއިންނެވެ. އެހެން ޢާއިލާއެއް އުޅެމުންދާ ތިން ކޮޓަރީގެ އެޕާރޓްމެންޓަކުން އަހަރެމެން އެއް ކޮޓަރި ކުއްޔަށް ހިފީމެވެ. ޓީޗިންގ ދާއިރާއަކީ ގިނަ ވަގުތުތަކެއް އެކަމުގައި ހޭދަކުރަންޖެހޭ ދާއިރާއެއްކަމުން ވަޒީފާއަކަށް ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ ފިރިމީހާވެސް ދަރިފުޅު ކައިރީގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ ރިސޯޓުގެ ވަޒީފާ ދޫކޮށްލުމަށްފަހު މާލޭގެ ސަރުކާރު އޮފީހަކުން ވަޒީފާއެއް ހޯދިއެވެ. އަދި ރޭގަނޑު ރައްޓެއްސެއްގެ ބުކް ޝޮޕެއްގައި ޕާރޓްޓައިމްކޮށް މަސައްކަތްކުރަންފެށިއެވެ. ކުރު ގޮތަކަށް ބުނާނަމަ އަހަރެމެންގެ މުޅި ދިރިއުޅުމުގެ ވައްޓަފާޅި އެއްކޮށްހެން ބަދަލުކޮށްލީމެވެ.
ޑޮކްޓަރުންގެ އެދުމާއެކު ރަޔާނަށް ޓީވީ ދެއްކުމާއި، ޓެބްލެޓް އަދި ފޯނު ދިނުން އަހަރެމެން އެއްކޮށްހެން ހުއްޓާލީމެވެ. އޭގެ ސަބަބުންވެސް އޭނާ މަސަލަސްކުރަން ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ. ބައެއްފަހަރު އޭނާ ރޯ ރުއިން ފެނިގެން ހިތްވަރުއެލޭގޮތްވެއެވެ. ނަމަވެސް ހިތުގައި އަތްއަޅާލައިގެން ނެތް ހިތްވަރު ކަށިން ނެރެންޖެހެނީ ހަމަ އޭނާގެ މުސްތަޤުބަލަށް ވިސްނާލާފައެވެ. އޯޓިޒަމްކުއްޖެއްކަމަކު އަހަރެންގެ ދަރިފުޅަކީ ކަންކަން ނުކުރެވޭ ކުއްޖެއްގޮތުގައެއް އަހަރެން ނުދެކެމެވެ. އެހެންކުދިންނެކޭ އެއްފަދައިން ރަޔާންވެސް ސްކޫލަށްލީމެވެ. ޤުރުއާން ކްލާހަކަށްވެސް ލީމެވެ. އަދި ސްކޫލްގައި އޮންނަ އިތުރު ޙަރަކާތްތަކުގައިވެސް ބަރާބަރަށް ބައިވެރިކުރަމެވެ.
މީހުންގެ ތެރޭގައި އުޅޭއިރު ރަޔާން ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ ހަޅޭލަވާ ބޮޑާހާކަން ފެށުމުން ބައެއް ކުޑަކުދިން ބިރުން ފިލަން ދުވެއެވެ. އެންމެ ހިތުގައި ޖެހެނީ ބައެއް ބެލެނިވެރިންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. ކިރިޔާވެސް އޯޓިޒަމް ކުއްޖެއްގެ ފަރާތުން އެފަދަ ޢަމަލެއް ފެނިއްޖެނަމަ އެމީހުންގެ ދަރިންނަށް ވިސްނައިދެނީ އެއީ ބަސްނާހާ ކުއްޖެއްގެ ގޮތުގަވެ. ނުވަތަ އެކުދިން ލޭބަލްވެފައި އޮންނަނީ ނުކުޅެދޭ ކުއްޖެއްގެ ގޮތުގައެވެ. އޭގެ ސަބަބުން އޯޓިޒަމް ކުދިންގެ ރައްޓެހިން ގާތްގަނޑަކަށް ނުތިބެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައެއްފަހަރު ސްކޫލްތަކުގައިވެސް އެކުދިން ތަފާތުކުރާތަން ފެނެއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅުގޮތްތޯއެވެ؟ އޯޓިޒމްއަކީ ބައްޔެއް ނޫނެވެ. އަދި ނުކުޅެދުންތެރިކަމެއްވެސް ނޫނެވެ. އެކުދިންނަށް ބޭނުންވަނީ ޚާއްޞަ އަޅާލުމާއި ލޯތްބެވެ. މުޖުތަމަޢުން އެކުދިންނާމެދު ކަންތައްކުރާގޮތުން ބައެއްފަހަރު އަހަރެން ކަހަލަ ހިތްވަރުގަދަ މީހުންގެވެސް ހިތް މަރުވާގޮތްވެއެވެ. ކޮންމެ ދުވަހަކުވެސް އެތައް އައު ކަމަކާ އަހަރެމެން ކުރިމަތިލާންޖެހެއެވެ. ދަރިފުޅު ރުޅި ގަދަވާނީ ނުވަތަ ހިތްހަމަނުޖެހޭނީ ކޮންކަމަކާ، ކޮންވަގުތެއްގައިކަމެއް އަންދާޒާކޮށްލަންވެސް ނޭންގޭނެއެވެ. އެފަދަ އެންމެ ކުއްޖެއް ބެލުމަކީވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ތިމާ އެތައްގޮތަކުން ބަލިކަށިކުރުވާ ކަމެކެވެ. އެއީ ކުރެވޭ ހަނގުރާމައެކެވެ. ބައެއްފަހަރު ހަދަންވީ ގޮތް ނޭންގިފައިވެސް ހުންނަންޖެހެއެވެ.
އެހެން ކުދިންނަށް އަޅާނުލާ އޯޓިސްޓިކް ކުދިންނަށް އެކަނި އަޅާލާށެކޭވެސް އަހަރެމެން ނުބުނަމެވެ. އެކުދިންނަކީވެސް ރަނގަޅަށް މަގު ދައްކައިދީ އެހީތެރިވެވިއްޖެނަމަ މުޖުތަމަޢުގައި ބޭނުންތެރި ކުދިބަޔަކަށް ހެދޭނެ ބަޔެކެވެ. އެހެންކަމުން އަހަރެމެން އެދި މިގޮވަނީ މުޖުތަމަޢުން އެކުދިން ބަލައިގަންނާށެވެ. ތަފާތުކޮށް، ބާކީކޮށްނުލާށެވެ. އަދި އެކަހެރިކޮށްނުލާށެވެ.
ނިމުނީ
ހިޔާލު
Warah iburaiytheri filaawalheh, warah hiygaimu, waiting for next part