ޒަޔާން ބަލާލިއިރު ޒައިކް އެނދަކު ނެތެވެ. އެހެންކަމުން އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ރާޔާގެ ގެއަށް ދިއުމަށްޓަކައި ނުކުތެވެ. ގެއިން ނުކުންނަން ދިޔައިރު މަންމަ، ބައްޕަ އަދި ޒައިކްވެސް އޭނާގެ ލޮލަކު އަޅައެއް ނުގަނެއެވެ. އޭރު ގޭތެރޭގައި އެކި ކަންކަމުގައި މީހުންތައް މަސްއޫލުވެގެން އުޅެއެވެ. އެ އެންމެންތަކުގެ ތެރޭގައި މަންމަމެން ހޯދަންވެސް ވަގުތު ނަގާނެތީ އޭނާ އަވަސްވެގަތީ ރާޔާގެ ގެއަށް ދިއުމަށެވެ.
ސައިކަލުގައި އިން އިރުވެސް ޒަޔާނަށް ވިސްނުނީ ރާޔާގެ މަންމަ ދެއްކި ވާހަކަޔަށެވެ. ކައިވެނިކުރަން ދިހަ ގަޑިއިރަށްވުރެވެސް ކުޑަތަންވެފައިއޮއްވާ ރާޔާ އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟
ޒަޔާން ރާޔާގެ ގެއަށް ދިޔައިރު ރާޔާގެ ބައްޕަ ރިޔާޒުވެސް އެގޭ ސިޓިންގ ރޫމްގައި އިނެވެ. އޭރުވެސް ޝަހީދާގެ ލޮލުން ކަރުނަ ނުހިކެއެވެ. ޝަހީދާ ކައިރީގައި އޭނާގެ އެއްބަނޑު އެއްބަފާ ދައްތައަކާއި ރާޔާގެ އެންމެ ގާތް އެކުވެރިޔާ އަޒްރާ ތިއްބެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި ހިތާމައެވެ.
"އަހަރެން މިހާރު ޕޮލިހުންނަށް އަންގައިފިން. އިރުކޮޅަކުން އެމީހުން އަންނާނެ." ޒަޔާން އެގެއަށް ވަނުމުން ޒަޔާންއާ މުޚާޠަބުކޮށް ރިޔާޒު ވާހަކަ ދެއްކިއެވެ. ޒަޔާން ބޯ ޖަހާލުމަށްފަހު ގޮސް ރާޔާގެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ކޮޓަރިތެރޭގައި ހުރިހާ އެއްޗެއްވެސް ހުރީ ވަރަށް ތަރުތީބުކޮށެވެ. އެއީވެސް ރާޔާގެ ފަރާތުން ޒަޔާނަށް ފާހަގަވި ކަމުދާ ސިފައެކެވެ. ރާޔާއަކީ ސާފުތާހިރުކަމަށް ލޯބިކުރާ، ކޮންމެ ކަމެއްގައިވެސް ތަރުތީބުކަމަށް އިސްކަންދޭ ކުއްޖެކެވެ.
ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި ސިންގަލް އެނދުގައި އަޅާފައި އޮތް ބެޑްޝީޓަށް ބަލާލުމުން އެތަނުގައި ރޭގައި މީހަކު އޮށޯވެފައި އޮތްކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެނދުގެ ކަނާތްފަރާތުގައި ރާޔާގެ ފޮށި ބަހައްޓާފައި ހުއްޓެވެ. ޒަޔާން އެތެރެއަށް ވަދެ ކޮޓަރީގެ އެއްފަރާތުގައި ހުރި އަލަމާރި ދޮރުފަތް ހުޅުވާލިއެވެ. އޭގައި ރާޔާގެ ކައިވެނީގެ ހެދުމާއި އިތުރު ދެތިން ހެދުމެއް ނޫނީ އެއްވެސް އެއްޗެއް ނެތެވެ. ފޮށީގައި ހިފާލުމުން ފޮށީގެ ބަރުކަމުން ރާޔާގެ މަންމަ ބުނިފަދައިން ރާޔާ އެހުރީ ޒަޔާންގެ ގެއަށް ބަދަލުވުމަށްޓަކައި ހުރިހާ އެއްޗެއް ޕެކް ކޮށްފައިކަން ދެނެގަނެވުނެވެ. ކޮޓަރީގެ ވާތްފަރާތުގައި ހުރި ޑްރެސިންގ ޓޭބަލް މަތީގައިވެސް ރާޔާ ރީތިވާން ގެންގުޅޭ ހުރިހާ ސާމާނެއް ތަރުތީބުން ބަހައްޓާފައި ހުއްޓެވެ. މުޅި ކޮޓަރި އެއްވަސްވެފައި ހުރީ ރާޔާގެ ގައިގައި އަބަދުވެސް ހަރުލާފައި ހުންނަ މަޑުމަޑު މީރު ވަހުންނެވެ. އެތަނަށް ވަނުމުން ރާޔާ އޭނާގެ ކައިރީގައި ހުރިކަމުގެ އިޙުސާސް ޒަޔާނަށް ކުރެވުނެވެ. އަދި ބޮޑަށް އެ އިޙުސާސްކޮށްލުމަށްޓަކައި ދެލޯމަރާލާފައި ޒަޔާން އެތެރެއަށް ފުންނޭވާއެއް ދަމާލިއެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު ޒަޔާން ޒައިކަށް ގުޅާލިއެވެ. އަދި ވެގެން އުޅޭގޮތް ކިޔާދިނުމަށްފަހު މަންމަމެންނަށް އަންގާލާފައި އެމީހުން ބޭނުންނަމަ ގޮވައިގެން އެގެއަށް އައިސްދިނުމަށް އެދުނެވެ.
އަސްމާއާއި، ޒާހިރު އަދި ޒައިކް އައިސް އިރުކޮޅެއް ނުވެ ފުލުހުންގެ ދެބޭފުޅުން އެގެއަށް އައެވެ. އަދި ވެގެންއުޅޭގޮތް އޮޅުންފިލުވިއެވެ. އެބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދިނީ ޝަހީދާއެވެ. ޝަހީދާގެ ވާހަކަތައް އަޑުއެހުމަށްފަހު އެބޭފުޅުން ރާޔާގެ ކޮޓަރި ބެލުމުގެ އިޒުނައަށް އެދުނެވެ. އެހެންކަމުން ޝަހީދާ އެބޭފުޅުން އެކޮޓަރިއަށް ގެންގޮސްދިނެވެ. ޝަހީދާގެ އިތުރުން ޒަޔާން، ޒައިކް، ޒާހިރު އަދި ރިޔާޒުވެސް އެބޭފުޅުންގެ ފަހަތުން އެކޮޓަރިއަށް ވަނެވެ. އެހެން އެންމެން މަޑުކޮށްލީ ކޮޓަރި ދޮރުމަތީގައެވެ. އެބޭފުޅުން ރާޔާގެ އަލަމާރިއާއި ފޮށިވެސް ހުޅުވައިގެން ބެލިއެވެ. އަދި ކޮޓަރީގައި ހުޅުވޭގޮތަށް ހުރި ހުރިހާ ވަތްގަނޑެއްވެސް ވަރަށް ރަނގަޅަށް ބެލިއެވެ.
"ތަޅުލެވޭގޮތަށް ހުރި އެއްވެސް އެއްޗެއް ހުންނާނެތޯ؟" އެތަނުން އެއް ބޭފުޅަކު ޝަހީދާއާ ސުވާލުކޮށްލިއެވެ.
"ލައްބަ. އަލަމާރީގަ ވަތްގަނޑެއް ހުންނާނެ. އޭގެ ތަޅުދަނޑި އޮންނާނީ ރާޔާ އަތުގަ. އޭނާ އާންމުކޮށް ގޭގައި އުޅެންޏާ ތަޅުދަނޑިފަތި ބާއްވާނީ ޑްރެސިންގ ޓޭބަލްމަތީގައި ތިހުރި ބިއްލޫރި ފުޅިބުރީގައި." އެތާހުރި ބިއްލޫރި ފުޅިބުރިއަށް އިޝާރާތްކުރަމުން ޝަހީދާ ޖަވާބުދިނެވެ. "ރާޔާ ގެންގުޅޭ ހުރިހާ ތަޅުދަނޑިއެއް ހުންނާނީ ތަޅުދަނޑިފައްޗެއްގައި. އޭގަ އޮންނާނެ އެޕާރޓްމެންޓްގެ ބޭރު ދޮރު ތަޅުދަނޑިއާ، ގޭ މައި ދޮރުގެ ތަޅުދަނޑިއާ، ކޮޓަރީގެ ތަޅުދަނޑީގެ އިތުރުން ވަތްގަނޑުގެ ތަޅުދަނޑިވެސް." ޝަހީދާ އިތުރު ތަފްޞީލު ދިނެވެ. ނަމަވެސް އެ ފުޅިބުރީގައި އެބުނާ ތަޅުދަނޑިފައްޗެއް ނެތެވެ.
"ޝަހީދާ ރާޔާ ނެތްކަން އެނގިގެން ބެއްލެވިއިރު ގޭ ދޮރު ހުރީ ތަޅުލާފަތޯ؟" ފުލުހުންގެ އެއްބޭފުޅަކު ސުވާލުކޮށްލިއެވެ.
"ލައްބަ! އަޅުގަނޑު ދޮރު ހުޅުވައިގެން ބޭރުގައި ހުރި ފައިވާން ބަހައްޓާ ހަރުގައި ރާޔާގެ ބޫޓުތައް ހަމައަށް ހުރިތޯވެސް ބެލިން. އެކަމަކު ހަވީރު ލާން ގެންގުޅޭ ދެ ބޫޓުން އެއް ބޫޓު މަދު." ޝަހީދާ ޖަވާބުދިނެވެ.
"ތިޔަ ދެއްވި މަޢުލޫމާތާއި، ފެންނަ ފެނުމުން ބޮޑަށް ލަފާކުރެވެނީ ރާޔާ ގެއިން ގޮސްފައި އެވަނީ އަމިއްލަ އިޚުތިޔާރުގައިހެން. އެކަމަކު ވަކި ގޮތަކަށް ނިންމޭނީ އިތުރަށް ކަންކަން ބެލުމަށްފަހު. އަޅުގަނޑުމެން އެކޮޅަށްގޮސް، ގެއްލިފައިވާ މީހުން ހޯދުމަށް ކަންކަންކުރާ އުސޫލުން މީޑިއާއާވެސް މަޢުލޫމާތު ހިއްސާކުރާނަން. އަދި ރާޔާގެ ފޯނު ނިވުމުގެ ކުރިން އެންމެ ފަހުން ބޭނުންކޮށްފައި ހުރި ހިސާބުވެސް ބަލާނަން." އިތުރު ތަފްޞީލު ދެއްވުމަށްފަހު ފުލުހުންގެ ދެބޭފުޅުން އެގެއިން ދިޔައެވެ.
އެންމެން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. އަސްމާ ގެޔަށް ގުޅުމަށްފަހު އިހަށް ގޭތެރޭގެ މަސައްކަތްތައް މަޑުޖައްސާލުމަށް އެންގިއެވެ. އެންމެންވެސް އިސްޖަހާލައިގެން ފުން ޚިޔާލަކަށް ގެއްލިފައި ސިޓިންގރޫމް ސޯފާތަކުގައި ތިއްބެވެ. ތަނަށް ވެރިވެފައި އޮތް ހިމޭންކަމުގައި ދޭތެރެ ދޭތެރެއިން ޝަހީދާ ނޭފަތް ދަމާލާ އަޑު އިވެއެވެ.
"އަހަންނަށް ޔަޤީން ރާޔާ ފިލައިގެން ނުދާނެކަން. އަހަރެން ރޭ މިގެއިން ދިޔައިރުވެސް އޭނާ ހުރީ ކައިވެންޏާމެދު ނުލާހިކު އެކްސައިޓްވެފަ. ރާޔާ މަންމައަށްވެސް އެނގޭނެ އޭނަ އުފާވެފައި ހުރިވަރު." އަޒްރާ ވާހަކަ ދައްކަންފެށިއެވެ.
"ދެން ވަކި އެއްޗެއް ބުނަން އެނގޭނީ ފުލުހުންގެ ތަޙުޤީޤުތައް ނިމުނީމަ. އެބޭފުޅުން އެބުނުއްވީއެއްނު ބޮޑަށް ހީވަނީ އެދިޔަތާކަށް ދިޔައީ އަމިއްލަ އިޚުތިޔާރުގަހެންނޭ." އަސްމާވެސް އޭނާގެ ޚިޔާލު ފާޅުކުރިއެވެ. އަސްމާގެ އެވާހަކަ ޒަޔާނަށް ކަމަކު ނުދިޔައެވެ. ނަމަވެސް ވަގުތުގެ ގޮތުންނާއި ރާޔާގެ މައިންބަފައިން ކުރިމަތީގައި އެއްޗެއް ނުބުނަންވެގެން އެވަގުތައް އޭނާ ހަނުހުރުން އިޚްތިޔާރުކުރިއެވެ.
"ބައްޕަ ދާންވީނު ދޮންބެގެ ސައިކަލުގަ މަންމަ ގޮވައިގެން ގެއަށް. ދޮންބެ ހިނގާ އަހަރެންނާއެކު އަޒޫ ގޮވައިގެން ކާރުގަ ރާޔާގެ ރައްޓެހިންގެ ގޭގެ ބަލާލަން. ފުލުހުންގެ ޚަބަރެއް ވާނެ އިރެއް އެނގެނީކީ ނޫން. އެހެންވީމާ އަހަރެމެންވެސް މިހެން އަތް އުރާލައިގެން ނުތިބެ ކުރެވެން އޮތް ކަމެއް ކުރުން ބުއްދިވެރީ." އެހެންބުނުމަށްފަހު ޒައިކު ތެދުވެ ޒަޔާނަށް އިޝާރާތްކޮށްލިއެވެ. އަސްމާގެ ވާހަކައިން އެ ނާޒުކު ދަނޑިވަޅުގައި އިތުރަށް މައްސަލަ ގޯސްވާކަށް ޒައިކުވެސް ނޭދެއެވެ.
އަޒްރާ ގޮވައިގެން ޒަޔާނާއި ޒައިކް އެމީހުންގެ އަމިއްލަ ކާރުގައި ރާޔާ ދާނެހެން ހީވާ ހުރިހާ ރައްޓެހިންގެ ގެއަކަށް ދިޔައެވެ. ރާޔާ ޗުއްޓީގައި ހުއްޓެއްކަމަކު ރާޔާގެ އޮފީހަށްގޮސް ވެރިންގެ އިތުރުން އެތަނުގައި ރާޔާއާ އެންމެ އެއްކޮށްއުޅޭ ކުދިންނާވެސް ސުވާލުކުރިއެވެ. ރާޔާ މަސައްކަތްކުރަނީ އަމިއްލަ ކުންފުންޏެއްގެ އިދާރީ ބައިގައެވެ. ކައިވެންޏަށް ތައްޔާރުވުމަށްޓަކައި ރާޔާ އަހަރީ ޗުއްޓީ ނެގިތާ އަދި މިވީ ހަފްތާއެކެވެ.
މެންދުރުން އަނބުރާ 3 ޖެހިއިރުވެސް ރާޔާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭރު ރާއްޖޭގެ ހުރިހާ އޮންލައިން ނޫހެއްގެ އަވަސް ޚަބަރުގައާއި، މީސްމީޑިއާގައި ރާޔާގެ ފޮޓޯ ޖެހުމަށްފަހު، ގެއްލިގެން އުޅޭކަމުގެ ޚަބަރާއި، އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެންގުމަށް އެދޭކަމުގެ ޚަބަރު ދައުރުވަމުން ދިޔައެވެ.
ކަންކަން އެހިސާބަށް ދިއުމުން ޒަޔާންވެސް ކުރަމުން އައި ހިތްވަރު އެލޭގޮތްވާންފެށިއެވެ. ނަމަވެސް ގޯސްކޮށް ނުވިސްނުމަށް ހުރިހާ ވަގުތަކު ޒައިކް ދިޔައީ ޒަޔާން ކައިރީބުނެ ހިތްވަރުދެމުންނެވެ. ކާރުގައި މާލޭގެ އެކި ހިސާބުގެ ޕާކުތަކާއި، ތޮށިގަނޑު މައްޗާއި، ބެލެންހުރި ހުރިހާ ތަނެއް އެމީހުން ބެލިއެވެ. ނަމަވެސް ރާޔާގެ ހިލަމެއް ނުވިއެވެ. އެންމެފަހުން ހަވީރުއަތަށް އަޅާލިއިރު ބަނޑުހައިކަމުގެ އިޙުސާސްވާން ފެށުމުން ޒައިކް ނިންމީ ގެއަށްގޮސް ކެއުމަށްފަހު ކުޑަކޮށް އަރާމުކޮށްލަން ޒަޔާން ގޭގައި ބެހެއްޓުމަށެވެ. ޒައިކަކީ ކިތަންމެ ކެރޭ، ހިތްވަރުގަދަ މީހެއްނަމަވެސް ޒަޔާނަކީ ކިހާ ހިތްބަލި މީހެއްކަން އެންމެ ރަނގަޅަށް އެނގެނީ ޒައިކަށެވެ. އެހެންކަމުން އަޒްރާ އޭނާގެ ގެއަށްލުމަށްފަހު ދެން ޒައިކް މިސްރާބުޖެހީ އެމީހުންގެ ގެއާ ދިމާއަށެވެ.
ކައިނިމިގެން ޒައިކް ކުރުނުކުރުމުން ޒަޔާން ވަދެ އެނދުގައި އޮށޯވެލިއެވެ. ޒައިކް ދިޔައީ ރާޔާގެ ޚަބަރެއްވޭތޯ އަދިވެސް ތަންތަން ބަލާލުމަށްކަމަށް ބުނެ ބޭރަށެވެ. ޒަޔާން އެހެންއޮވެ ފޯނުގައި ރައްކާކޮށްފައި ހުރި ރާޔާގާ ފޮޓޯތަކަށް ބަލަންފެށިއެވެ. ރާޔާއަކީ އުފާވެރި ކުއްޖެކެވެ. އޭނާގެ ހުންނަ އެކުވެރި، މީހުންނަށް އަޅާލާ މިޒާޖުގެ ސަބަބުން ރާޔާ ކައިރީގައި އުޅޭ އެންމެންވެސް އޭނާދެކެ ލޯބިވެއެވެ. ރާޔާއަކީ އަބަދުވެސް އަމިއްލަ ނަފްސަށްވުރެ އެހެން މީހުންގެ ބޭނުންތައް އިސްކުރާ ކުއްޖެކެވެ. އެއީ ކުރިމަގަށް ފޮނި އުންމީދުތަކެއް ކުރަމުން އައި ކުއްޖެކެވެ. މިއީ އޭނާގެ ހިޔުމަން ރިސޯސް މެނޭޖްމެންޓް ޑިގްރީގެ ދެވަނަ އަހަރެވެ. ރާޔާއަކީ ތޫނުފިލި، ކިޔެވުމަށްވެސް ގަދައަޅާ މަސައްކަތްކުރާ، މޮޅު ކުއްޖެކެވެ. ޒަޔާނަށް ރާޔާ އެންމެ ފުރަތަމަ ފެނުނީ ރާޔާގެ ކޮލެޖް ކައިރިންނެވެ. ރާޔާގެ ކޮލެޖް ހުންނަނީ ޒަޔާން ބައްޕަގެ އޮފީސް ހުންނަ މަގުގައެވެ. ކޮންމެ ދުވަހަކު ހަވީރު ޒަޔާން އޮފީސް ނިންމާފައި ގެއަށްދާން ނުކުންނަ ގަޑިއަކީ ރާޔާ ކޮލެޖަށް ދާ ގަޑިއެވެ. ކޮންމެ ދުވަހަކު އެއްގަޑިއެއްގައި ފެންނާތީ ޒަޔާންގެ ހިތުގައި އެ ރީތި ސޫރަ ބިންވަޅުނެގެން މާ ގިނަ ދުވަހެއް ނުނެގިއެވެ. ޒަޔާންގެ ހިތުގެ އިޙުސާސްތައް އެންމެ ފުރަތަމަ ހިއްސާކުރީ ޒައިކްއާއެވެ. ރާޔާގެ ހިތް ފަތަޙަކުރުމަށް އެންމެ އެހީތެރިވެދިނީވެސް ޒައިކެވެ.
ފޯނުގެ ސްކްރީނުން ފެންނަންހުރި ރާޔާގެ ހިނިތުންވެފައިވާ މަޢުސޫމް މޫނުގައި ޒަޔާން ތުންފަތް ޖައްސާލިއެވެ. އަދި ދެލޯ މަރާ ބާރުކޮށްލިއެވެ. އެވަގުތު އޭނާގެ ދެލޮލުގެ އަރިމަތިން ރޮނގަކަށް ކަރުނަ ފައިބަން ފެށިއެވެ.
ރާޔާއަށް އެ ވީ ކިހިނެއްބާއެވެ؟ ރާޔާ ދިޔައީ ކޮންތާކަށްބާއެވެ؟ ކަމެއް ގޯސްވިނަމަ އޭނާއަށް ރާޔާ ނޭންގީ ކީއްވެބާއެވެ؟ ރާޔާއަކީ މިވީ ދުވަސްކޮޅު ތެރޭގައިވެސް ޒަޔާނަށް އެއްވެސް ކަމެއް ސިއްރުކުރި ކުއްޖެއް ނޫނެވެ. އޭނާއަކީ ދޮގު ހަދާ ކުއްޖެއް ނޫނެވެ. އެއީ ބަރާބަރަށް ނަމާދުކުރާ، ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރިވާ ކުއްޖެކެވެ. ޒަޔާނަށްވެސް ޤަވާއިދުން ނަމާދުކުރަން އާދަވީ ރާޔާގެ ސަބަބުންނެވެ. ރާޔާ ބުނިބުނުމަށް އިޖާބަދީ ރޭގައި ރާޔާއަށް ނުގުޅުނީތީ ޒަޔާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ރާޔާ ރައްކާތެރިކޮށްދެއްވާ، ހެޔޮ ޙާލުގައި އޭނާއަށް ފެނުމަށް އެދި ހިތާހިތުން ޒަޔާން ދުޢާކުރަމުން ދިޔައެވެ.
އެހެންއޮއްވާ ޒަޔާނަށް ނިދުނީ ކޮންއިރަކު، ކިހާއިރެއްވަންދެންކަމެއް ނޭންގެއެވެ. ހޭލެވުނީ ޒައިކް އައިސް ގޮވަން ފެށުމުންނެވެ. އޭރު އިރުއޮއްސިފައި ހުރިކަން ކުޑަދޮރުގެ ފަރުދާ ވަޔާ ހިއްލުމުން އެނގުނެވެ.
"އަހަރެން މިއައީ ރާޔާމެން ގެއަށް ގޮސްފަ. ރާޔާ ބައްޕަ ބުނީ ޕޮލިހުން ގުޅިއޯ. ބުންޏޯ ރާޔާގެ ފޯނުގެ ސިގްނަލް އެންމެ ފަހުން ލިބިފަ ވަނީ ރާޔާގެ ގެ ކައިރިންނޭ. މިސަރަޙައްދުގެ މޫދުވެސް ބަލާ ވާހަކަ ބުނި. ދޮންބެ ދެރަނުވާތި. އިރާދަކުރެއްވިއްޔާ އަދި ރާޔާ ފެންނާނެ. ކޮންމެ ކަމެއްވެސްވާނީ އެންމެ ރަނގަޅަކަށް."
އެއީ ރާޔާވެސް އަބަދު ބުނާ ވާހަކައެކެވެ. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ޙިކުމަތެއްވާނެއެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށެވެ. ނަމަވެސް އެދެމީހުންގެ ޙަޔާތުގައި އަންނަން އޮތް އެންމެ އުފާވެރި ދުވަހުގައި ރާޔާއަށް މިވީ ކިހިނެއްބާއެވެ؟ ކުރިން އޮތް ގޮތުންނަމަ މިރެއަކީ އެމީހުންގެ ކައިވެނީގެ ފުރަތަމަ ރެޔެވެ. ޒަޔާންގެ ފުރިހަމަ މިލްކަކަށް ރާޔާ ވާންއޮތް އުފާވެރި ރެޔެވެ. މިރެޔަށްޓަކައި އޭނާ ހާދަ ފޮނި އުންމީދުތަކެއް ކުރިއެވެ. ނަމަވެސް ތަޤްދީރު ކުޅެމުން މިދަނީ ކޮންފަދަ ކުޅިވަރެއްބާއެވެ؟
(ނުނިމޭ)
ހިޔާލު
Kiyaaleema mageyvhayaathuge maazeege sofhaa thah ukemun dhaakahala. V nice mi story. ❤️ Waiting for the next part