އަފްޣާނިސްތާނާއި ޕާކިސްތާން އަދި ބަންގްލަދޭޝް އިން އިންޑިޔާ އަށް އެތެރެވާ މުސްލިމުންނަށް އެޤައުމުގެ ރަށްވެހިކަން ނުލިބޭގޮތަށް ޤާނޫނަށް ގެނައި ބަދލާ ގުޅިގެން އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި އަދިވެސް ވަރުގަދަ މުޒާހަރާތައް އެބަ ކުރިއަށްދެއެވެ.
އިންޑިޔާގެ ބޮޑެތި ސަރަޙައްދުތަކުގައި މަގުތަކަށް އެއްވެ، މުސްލިމުން މިކަމާ ދެކޮޅަށް އަޑު އުފުލަމުންދާއިރު، ބައެއް މަގުތައްވެސް ވަނީ ބަންދުކޮށްފައެވެ. އެގޮތުން، އިރުމަތީ ސަރަޙައްދުގެ ވެސްޓް ބެންގޮލްގެ ކަލްކަތާގެ ބައެއް މަގުތައް ވަނީ ބަންދުކޮށްފައެވެ.
މީގެއިތުރުން، އިރު އުތުރުގެ ސްޓޭޓެއްކަމުގައިވާ ގުވާހަޓީގައި މުޒާހަރާތައް ވަރުގަދަވުމުގެ ސަބަބުން އިއްޔެވަނީ ކާފިއުވެސް އިއުލާން ކޮށްފައެވެ. އެސަރަހައްދުގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެސްވިއެވެ. ގުވާހަޓީގައި ކާފިއު އިއުލާން ކޮށްފައި އޮތީ އިންޑިޔާ ގަޑިން އިއްޔެ ނުވައަކުން ހަވީރު ހަތަރެއްގެ ނިޔަލަށެވެ.
މީގެއިތުރުން، މިދިޔަ ހުކުރު ދުވަހު، ވެރިރަށް ނިއު ދިއްލީގައިވެސް ވަނީ ޤާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. ދަރިވަރުން އިސްވެ ކުރިއަށް ދިޔަ މުޒާހަރާއަށް، ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ ހުރަސް އަޅާ، މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލައިފައެވެ.
ހަމައެހެންމެ، ދެކުނުގެ ކެރެލާ އަދި ކަރްނާޓަކާގައިވެސް މުޒާހަރާތަކާއި އެއްވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުން ގެނައި މި ހަމަނުޖެހޭ އިސްލާހާ ދެކޮޅަށް އެތައް ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. ކާމިޔާބެއްކަމަށް ބޮޑުވަޒީރު މޯދީ ދެކޭ މި އިސްލާހާ ދެކޮޅަށް ބައެއް ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންވެސް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، މި އިސްލާހަށް އަމަލު ނުކުރާނެކަމަށް ވެސްޓް ބެންގޮލްގެ ޗީފް މިނިސްޓަރު، މަމާތާ ބެނާޖީ ވިދާޅުވެފައިވެއެވެ.