ދަނޑުވެރިކަން ކުރާ ތަނެއް

ދަނޑުވެރިކަމުގެ މިއަހަރުގެ ފަހު ޕްރޮގްރާމް އޮޅުވެލިފުށީގައި ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރީކަލްޗަރ އިން މިއަހަރު ކުރިޔަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ފަހު ޕްރޮގްރާމް މިހާރު ޅ. އޮޅުވެލިފުށީގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މި ޕްރޮގްރާމަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ޅ. އޮޅުވެލިފުށީގައި ކުރިއަށް ގެންދިއުމަށް އެކައުންސިލުން ކަނޑައަޅުއްވާފައިވާ ޕްރޮގްރާމެކެވެ. 22 ބައިވެރިންނާއެކު މިހާރު ކުރިއަށްދާ މިޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ ފިޝަރީޒް މިނިސްޓްރީންނެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުެފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލުން އެދިވަޑައިގަންނަވާފައިވާ ފަދައިން މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނި ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ގޯތިތެރޭގައި ގަސްހައްދާނެ ގޮތާއި ގަސްގަހާގެއްސަށް އާންމުކޮށްޖެހޭ ބަލިތަކާއި ފަރުވާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާއި ބޭސްފަދަ ތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުންވެސް މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައި އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު 2020 ވަނަ އަހަރުން ފެށިގެން ރަށްރަށުގެ ތަރައްޤީއަށް ތަފާތު ޙަރަކާތްތައް ހިންގުމަށް ކައުންސިލްތަކަށް ޚާއްޞަ ބަޖެޓެއް ދެއްވުމަށް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. މިނިންމެވުމާއެކު މިދުވަސްވަރަކީ ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދުވަސްވަރުކަމަށްވުމުން ރަށުގެ ދަނޑުވެރިކަން ތަރައްޤީކުރެއްވުމަށް ބޭނުންވާ ތަފާތު ޙަރަކާތްތައް ކައުންސިލްތަކުން ބަޖެޓުގައި ހިމަނުއްވަމުން ގެންދަވާނެކަމަށް އުންމީދު ކުރައްވާކަމުގައި އެމިނިސްޓްރީން ވަނީ ވިދަޅުވެފައެވެ.

އެމިނިސްޓްރީން ވިދާވެފައިވަނީ ރަށްރަށުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިންގެވުމަށް ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ފޯރުކޮށްދެވޭނެކަމަށެވެ.

2020 ވަނަ އަހަރު އެ މިނިސްޓްރީން ހިންގާނެ ޙަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވާލުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުންދާކަމަށާއި އަންނަ އަހަރު ރަށްރަށުގައި ހިންގެވުމަށް ރާއްވަވައި ދަނޑުވެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކަށް އެ ނިސްޓްރީގެ ފަންނީ އެހީތެރިކަން ބޭނުންފުޅުވެލައްވާނަމަ އެ މިނިސްޓްރީގެ އަހަރީ މަސައްކަތު ތާވަލުގައި ހިމެނުމަށް އެ ޕްރޮގްރާމްތަކުގެ މައުލޫމާތު މިނިސްޓްރީއާއި ޙިއްޞާކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ