މާލޭ ގެޔަކުން ދުންއަރާ ކަމުގެ މައުލޫމާތު ލިބިގެން ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިހެން ވިދާޅުވެފައިވަނީ ގަލޮޅު ގެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ބުނެ ފެތުރެމުންދާ ޚަބަރު ކަށަވަރު ކުރުމަށްޓަކައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ޝަބުނަމް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިރޭ 21:18 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި މިހާދިސާއާއި ގުޅިގެން ފުލުހުން އެސަރަހައްދުގައިދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ގ. ޕްރެސައިޑް ނަމަކަށް ކިޔާ ގޭގެ އެއްވަނަ ފަންގިފިލާގައެވެ. އަދި މިހާރު ފަޔަރ ޓީމުން އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ކޮޓަރިއެއްގެ ޑީ-ބޯޑުގައި ކަމަށެވެ. އަދި އަލިފާނުގެ އަސަރު ދޮންނަ މެޝަނަކަށް ކޮށްފައިވާކަމަށެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ނުލިބޭކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
								
											


														
														
														
														
														
														