މުޅި ދުނިޔޭގެ ތާރީޙުގައިވެސް އުފެއްދި އެންމެ ކާމިޔާބު ޓީވީ ޝޯ ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު ސީޒަންއަށް ކުރަމުންދިޔަ އިންތިޒާރީއަށް އޭޕްރީލް 14 ގައި ނިމުން އަންނާނެއެވެ. 8 އަހަރު ފަހުން ގޭމް އޮފް ތްރޯންސް ނިމިގެންދާއިރު، މި ސިރީޒް ނިމިގެންދާނީ ކިހިނެއްތޯ ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.
ގޭމް އޮފް ތޮރޯންސްގެ އޮފިޝަލް ޓްރެއިލާއިން ފެށިގެން ، 3 ޓީޒާއެއް މިހާރު އާއްމުކޮށްފައިވާއިރު، ނޭވާ ހިފަހައްޓާލަން ޖެހޭ ޝައުގުވެރި މަންޒަރުތަކެއް ފެނިގެންދެއެވެ. އަދި މިދުވެސްކޮޅު މީސްމީޑިއާގެ އެންމެ ހޫނު އެއް ޓޮޕިކަކަށްވެސް ވެފައިވަނީ ގޭމް އޮފްތްރޯންސްގެ ވާހަކައެވެ.
ގޭމް އޮފް ތްރޯންސްގެ މި ޓީޒާތައް ބަލާލުމުން އެތައް ސުވާލުތަކެއް އުފެދިގެންދާއިރު، އެންމެ ގިނަ ބަޔަކު ސިއްސުވާލީ ސީރީޒްގެ "އާފްޓާމެތް" ޓީޒާ ޓްރެއިލާ އާންމުކުރި ހިސާބުންނެވެ.
"އާފްޓާމެތް" ޓީޒާ އިން ވިންޓަރފެލް ސުންނާފަތި ކޮށްލައިފައިވާ މަންޒަރާއެކު، ޓީޒާ ފެށިގެންދަނީ ޓިރިއަންގެ "ހޭންޑް އޮފް ދަ ކިންގް" ޕިން ވިންޓަރފެލްގެ ސްނޯތަކުގެ ތެރެއަށް ވެއްޓިފައިވާ މަންޒަރުންނެވެ. މީގެ އިތުރުން ސީރީޒްގެ މެއިން ކެރެކްޓަރސް ތަކުގެ ތެރެއިން، ޖޯން ސްނޯގެ ކަނޑި، ޑޭނީގެ ޑްރެގަން ޗެއިން، ޖޭމީގެ "ގޯލަޑަން ހޭންޑް"، ބްރޭންގެ ވީލް ޗެއަރ، އަދި އާރްޔާގެ ނީޑްލް ކަނޑި ވިންޓަރފެލްގެ ސްނޯ ތަކުގެ ތެރެއަށް ވެއްޓިފައިވާ މަންޒަރު މި ޓީޒާއިން ފެނިގެންދެއެވެ.
ޓިޒާ ނިމިގެންދަނީ، ޖޯންގެ ކަނޑިއަށް ފޯކަސް ވެފައިވާ މަންޒަރާއެކު، ކޮންމެވެސް މީހެއް ފަހަތުގައި ހުއްޓިގެން ހުންނަ މަނަޒަރުންނެވެ. މިއީ ނައިޓް ކިންގް ނުވަތަ ވައިޓް ވޯކާއެއް ކަމުގައި ބެލެވެއެވެ.
ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު ސީޒަންގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ، ނައިޓް ކިންގެ "އާރމީ އޮފް ދަ ޑެޑްސް" އާ އިންސާނުންނާއި ދެމެދު ކުރަންޖެހޭ ބޮޑު ހަނގުރާމައެވެ. އަދި ފަހު ސީޒަންގެ މައިގަނޑު އެހެން ޓީޒާ ތަކުން ފެނިގެންދާ މަންޒަރުތަކުން، ޑެޑް އާރމީގެ ފަރާތުން ސަލާމަތްވުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ހާމަވެގެންދެއެވެ.
މިދިޔަ ހުކުރު ދުވަހު ކުލަގަދަ ހަފްލާއަކާއެކު ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން ޕްރީމިއާ ރެޑް ކާރޕެޓް އިވެންޓް ބާއްވަފައިވާއިރު، މި އިވެންޓްގެ ތެރެއިން ޝޯގެ ތަރިންނަށް ވަނީ ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑް ދައްކާލާފައެވެ. އަދި މި އިވެންޓްގެ ތެރެއިން މި އެޕިސޯޑްގެ ފެށޭ މަންޒަރުގެ ތަންކޮޅެއް ވަނީ ލީކް ކޮށްލައިފައެވެ.
ދިވެހިންގެ ތެރޭގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާ ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން ފެށެން އެންމެ ހަފްތާއަކަށް ވެފައިވާއިރު، މީސްމީޑިއާގައި ދިވެހިންވެސް ގޭމް އޮފް ތްރޯންސްގެ ފޯރި ވަރަށް ބޮޑަށް ހިފާލައިފައިވެއެވެ.