ޤައުމުގެ ޤައުމުގެ ސުލްހަމަސްލަސްކަމާއި މުސްތަޤްބަލް ބިނާވަނީ ދަރުދުންގެ ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ހޯމް މިިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައިވަނީ ރ.އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން އުނގޫފާރުގައި ބާއްވާ "ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތުބައްދަލުވުން" ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ މުޅި ޤައުމުގެ މުސްތަޤްބަލް، މުސްތަޤްބަލްގެ އުފާވެރިކަން، އުޖާލާކަން ބިނާވެގެންވަނީ ހުރިހާ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން، ކޮންމެ ފަރުދަކު އެފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މައްޗަށް." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ، އެ ޒިންމާ ފުރިހަމައަށް އަދާކުރެއްވިއްޖެނަމަ، ޤައުމުގެ މުސްތަޤްބަލް އުޖާލާ ވާނެ ކަމަށާއި، އެ ޒިންމާ އަދާނުކުރެވިއްޖެނަމަ ފުން ހިތާމައާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސުލްހަމަސަލަސްކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާދާރުކަމުގެ މައްޗަށް، އަޅުގަނޑުމެންގެ އެކުވެރިކަން ބިނާވަނީ ޒިންމާދާރުކަމުގެ މައްޗަށް، އިޖުތިމާއީ ހަމަޖެހުމާއި ދުޅަހެޔޮކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާދާރުކަމުގެ މައްޗަށް، އަޅުގަނޑުމެންގެ އިޤްތިޞާދީ ފުދުންތެރިކަމާއި، ތަރައްޤީއާއި ކުރިއެރުން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާދާރުކަމުގެ މައްޗަށް. އަޅުގަނޑުމެންގެ އާއިލާތަކުގެ ބަދަހިކަމާއި، އުފާވެރިކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާތަކުގެ މައްޗަށް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ވަރަށްގިނަ ޒިންމާ އަދާކުރަން އެބައޮތްކަން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭކަމަށާއި، އެޒިންމާތަކުގެ ކުރިމަތީގައި ކޮންމެ ދުވަހަކު އަމިއްލަ ނަފްސާ ސުވާލުކޮށްލަންވެސް ޖެހޭކަމަށެވެ.
"އަޅުގަނޑުމެން ކޮންމެބޭފުޅަކު އެނބުރި އަޅުގަނޑުމެންގެ ރަށަށްގޮސް އަޅުގަނޑުމެން،އަޅުގަނޑުމެންގެ ހަޤީޤީ ޒިންމާއާ ދޭތެރޭ ވިސްނާ ފިކުރުކޮށް، ޤައުމުގެ ކޮންމެ ފަރުދަކާ ހަމައަށް އެޒިންމާ އަދާކުރުމުގެ މަސްޢޫލިއްޔަތު އަދާކޮށްދިނުމަށް އަޅުގަނޑުމެން ނިކުންނަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.