ބޭސްފަރުވާއަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީންކަން ދީފި

ޕޭޝަންޓުންގެ ދެވަނަ ބެޗެއް އިންޑިއާއަށް ގެންދެވޭނެކަމުގެ ޔަގީންކަން އިންޑިއާއިން ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޝާހިދަށް ދެއްވައިފިއެވެ.

ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ، ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 28 ދިވެހިން އިއްޔެ އިންޑިއާއަށް ގޮސްފައިވަނިކޮށް، ފަރުވާ ހޯދުމަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދީފައިވާކަމަށެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއެކު މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމާ ގުޅިގެން އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމަށް މިވަގުތު ނުވަދެވެއެވެ. އެހެންނަމަވެސް އެހެން ގައުމުތަކަށް އަދި ދީފައިނުވާ ޚާއްސަ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ހާލުދެރަ ބަލި މީހުން އިންޑިއާއަށް ގެންދިޔުމަށް އިންޑިއާއިން ދިން ފުރުސަތުގައި 28 ބަލި މީހަކު މިހާރު ވަނީ އިންޑިއާއަށް ގޮސްފައެވެ.

ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީންވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީން ފުރިހަމަކުރަން ޖެހޭކަމަށާއި، އިންޑިއާ ސަރުކާރާއެކު ފޮރިން މިނިސްޓްރީއިން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ވުމުގެ ފުރުސަތު ދިވެހީންނަށް ދީފައިވާކަމަށެވެ.

ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިންޑިއާއަށް ގެންދިޔުމަށް ލިބުނު ޚާއްސަ ހުއްދައިގެ ދަށުން ބަލި މީހުން އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދަ ކުންފުންޏާއި ގުޅިގެން މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ